ރައީސް ޑރ. މުޢިއްޒު ރައްޔިތުންނާ ހަމައަށް ކުރައްވަން ފަށްޓަވާފައިވާ ދަތުރުފުޅުތައް އަލުން ފަށްޓަވަނީ! ގޭގެއަށްވެސް ޒިޔާރަތް ކުރައްވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 49ސ
ރައީސް ޑރ. މުޢިއްޒު ރައްޔިތުންނާ ހަމައަށް ކުރައްވަން ފަށްޓަވާފައިވާ ދަތުރުފުޅުތައް އަލުން ފަށްޓަވަނީ! ގޭގެއަށްވެސް ޒިޔާރަތް ކުރައްވާނެ!

އާދެ، އަޅުގަނޑު ގަސްތުކުރަނީ ކުރިއަށް އޮތްތަނުގަ ކުރީގަވެސް ރައްޔިތުން ގާތަށް އެކި ދަތުރުތަކާއި އެކިކަހަލަ ގޮތްގޮތުން ބައްދަލުކުރިގޮތަށް ހަމަ ބައްދަލުވުންތައް ބާއްވަން. ނަމަވެސް މިކަމަކީވެސް ވަރަށް ޚަރަދު ހިނގާ ކަމެއް. އަޅުގަނޑު ވަޢުދުވިން މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށަކަށް ދާން. ހިސާބު ހަދާލިއިރިގަ ބާކީ މިއޮތް 5 ވަރަކަށް މަސްދުވަހު އަޅުގަނޑަށް ނުދެވި އަދި 130 އަކަށް ރަށް އެބައޮތް. މި ހުރިހާ ރަށަކަށް ދާން ހިސާބު ހަދާލިއިރުގަ ވަރަށްބޮޑު ޚަރަދެއް ދޭ. އެހެންނަމަވެސް މިހާރު އަޅުގަނޑު ކުރިން ވިސްނީ މި ހަފްތާގަ ފަށަން. މި ޚަރަދު މިވަޤުތު ކުރުމަށްވުރެ އިކޮނަމީއަށް އަޅުގަނޑުމެން މި ގެންނަ އިސްލާޙުތަކާ އެކީގަ ރަނގަޅު ދިރުމެއް ގެނައުމަށް އަދި ކުޑަ ވަޤުތުކޮޅެއް ދޭން ބޭނުންވާތީ، ކުޑަ ތަންކޮޅެއް ލަސްކޮށްލާފަ  އިރާދުކުރެއްވިއްޔާ 2 މަހެއްހާ ދުވަސް ފަހުން މި ދެންނެވި ދަތުރުތައް ފަށާނަން. އޭރުން ރައްޔިތުންގެ ގާތަށް ދެވޭނެ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން ރައްޔިތުންގެ ކައިރީގަ ހުރެގެން އަޑުއެހޭނެ. ގޭގެއަށް ދިއުމާއި ރައްޔިތުން ބޭނުންވާ އެކިކަހަލަ ބައްދަލުވުންތައް ބާއްވާ، ހަމައެކަނި ސަލާމްކޮށްލާ ޖަލްސާ ބާއްވާލާފަ ފުރައިގެން އަންނަ ގޮތަކަށް ނޫން އަޅުގަނޑު ބޭނުންވަނީ ދާކަށް. ހަމަ އެއާއެކީ މާލޭގަވެސް އަޅުގަނޑު ރަސްމީ މަސެއްކަތުގެ ތެރެއިން ވަރަށް އަވަހަށް ހަފްތާގެ ކަނޑައެޅޭ ކޮންމެސް އެއްދުވަހެއްގެ ހަވީރު ގޭގެއަށް ދާނަން. އަދި އެކިކަހަލަ ބައްދަލުވުންތައް ބާއްވާނަން. ބޭނުންވަނީ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ރައްޔިތުންގެ ގާތުގަ ހުރެގެން ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހަން. އަދި އެކަންކަން ކޮށްދޭން. އެހެންމަ މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން މާލޭގެ ހުރިހާ ދާއިރާތަކަށް ކޮންމެ ހަފްތާއަކު ކޮންމެސް އެއްދާއިރާއެއްގެ ގެތަކަށް އަޅުގަނޑު ދާން ފަށާނަން. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ފެށޭނެ. 

އާދެ. އަޅުގަނޑު އަނެއްކާވެސް ހަމަ ދޭން ބޭނުންވާ ޔަޤީންކަމަކީ އަޅުގަނޑު ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށޭ. އަޅުގަނޑަށް މުހިއްމީ ރައްޔިތުން. ކޮންމެ ރައްޔިތަކީ އަޅުގަނޑަށް މުހިއްމު ރައްޔިތެއް. އެންމެ ކުޑަ ރަށުގަ ހުއްޓަސް. އެންމެ ބޮޑު ރަށުގަ ހުރި ކަމުގައިވިޔަސް، ރާއްޖޭން ބޭރުގަ ހުރިކަމުގައިވިޔަސް އެ ރައްޔިތަކު އަޅުގަނޑަށް ހަމަހަމަ. އެހެންވީމާ، އެ ރައްޔިތަކަށް ބޭނުންވާ ކަންކަން ޙާސިލްކޮށްދިނުމުގަ އެ ކުރަންޖެހޭ ކަމެއް ކުރުމުގަ ހަމަހަމަ ކަމާ އެކީގަ އެ ޚިދުމަތް ދޭނަން. އެހެންވީމަ ކުރިއަށް އޮތް ތަނުގަ ސަރުކާރުން މި ދެންނެވި މަގުން ވަރަށްގިނަ ކަންތައްތަކެއް ތަންފީޒު ކުރެވިގެން ދާތަން ފެންނާނެ އެކި ދާއިރާތަކުން. އަޅުގަނޑުމެންގެ މި އިޤްތިޞާދީ އެޖެންޑާގެ ތެރެއިން މި ހޯދާ ޖާގައިގެ ތެރެއިން ބާކީއޮތް، މި އަހަރުގެ ބާކީ އޮތް މަސްތަކުގަ އެކި ދާއިރާތަކުން ގިނަ ކަންތައްތަކެއް ފެށިގެން ދާނެ. އަދި އެކަންކަން ރައްޔިތުން އެދޭގޮތަށް ގެންދެވޭނެކަން އަޅުގަނޑުމެން ޔަޤީންކުރަނީ. 

އާދެ، އިރާދުކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މިދެންނެވި ކަންކަން، އެންމެ މުހިއްމު ކަންތައްތައް މިސާލަކަށް ގެދޮރުވެރިކަމާ ގުޅޭގޮތުން ވަރަށް މުހިއްމު މަސްރޫއުތައް ފެށުމަށްޓަކާ މަސެއްކަތް އެބަ ކުރެވޭ. މާ ލަސްތަކެއް ނުވެ އެކަމުގެ ޢަމަލީ ސިފަވެސް ފެނިގެންދާނެ. އަދި ޢުމްރާނީ ތަރައްޤީގެ ތެރެއިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ކުރަން ނިންމާފައިވާ ގިނަ މަސެއްކަތްތަކެއް އެބަހުރި. އެކަންކަމަށްޓަކާވެސް މިހާރު ކުރަންޖެހޭ  

އެކިކަހަލަ (ބިހައިންޑް ދަ ސީން) ކުރަންޖެހޭ އިދާރީ ފަންނީ އެކިއެކި މަސެއްކަތްތައް އެދަނީ ނިމެމުން. ވަރަށް އަވަހަށް އަޅުގަނޑުމެން ޢަމަލީ މަސެއްކަތަށް ދާނެ. 

އެހެންމަ އަޅުގަނޑުމެން މިތިބީކީއެއް އެއްވެސް ވަރަކަށް ކަންކަން ނުކުރެވިފައެއް ނޫން. ކުރަން ނޭންގިފައެއްވެސް ނޫން. އަޅުގަނޑުމެންގެ ޓީމް ވަރަށް ހީވާގި. ވަރަށް ކޮމިޓަޑް ވަރަށް ރަނގަޅު ވަރަށް އިޚްލާސްތެރި ކަމާއެކީ މަސެއްކަތްކުރާ ކެބިނެޓް މެންބަރުން ސަރުކާރުގަ ތިއްބެވި އެކިއެކި މަޤާމުތަކުގަ ތިބި ބޭފުޅުންނަކީ އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖްލީސް މެމްބަރުންނަކީ. އެހެންމަ އަޅުގަނޑުމެން އެންމެން  މި ދެންނެވިގޮތަށް މި މަސެއްކަތް މިދަނީ ކުރަމުން. ރައްޔިތުން ކުރައްވަންވީ ކަމަކީ ތެދު ޙަޤީގަތް ބައްލަވާފަ އެކަން ޤަބޫލުކުރައްވަންވީ. އަޅުގަނޑުމެންގެ ތެރެއިން މި ފެންނަނީ އެއްވެސް ކަހަލަ އަސާސެއް ނެތި، އެއްވެސް ކަހަލަ ޒައްރެއްގެ މިންވަރުވެސް ތެދު ޙަޤީގަތުގެ ކަންފުޅެއްވެސް ނެތް ވާޙަކަތައް ފެތުރިގެން ދާތަން.

އަޅުގަނޑުމެން ކޮންމެ މީހަކީ ޒިންމާދާރު މީހެއް. ﷲ ތަޢާލާ ސިކުނޑިއެއް ދެއްވާފަވޭ. މުސްލިމަކަށްވީތީ ޒިންމާއެއް އެބައޮތް. އިވޭ ވާހަކައެއްގެ ވިއްޔާ ތެދު ޙަޤީގަތް ބެލުން. އެހެންވީމަ ސޯޝްލަ މީޑިއާގެ ޒަރިއްޔާއިންވިޔަސް، ބައްދަލުވާ މީހެއްގެ ކިބައިންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް އިވޭ ވާހަކަތަކުގެ ތެދު ޙަޤީގަތް ބައްލަވާ ޒިންމާދާރުކަމާ އެކީގަ ކުރިއަށް ވަޑައިގަތުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމަށްޓަކާ އަޅުގަނޑުމެންނާ ދެންހުރި މީހާއާއި އަޅުގަނޑުމެންގެ އަޚުންނާއި އަޅުގަނޑުމެންގެ ރަޙްމަތްތެރިންނާއި މުޖުތަމަޢުއަށް ޤައުމަށް ކޮށްދެވޭނެ ވަރަށް ހެޔޮ ކަމަކަށް ވާނެ. 

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ އުފާފާޤަތި މާދަމައެއް މިންވަރު ކުރައްވާށި.   

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު

 

- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

 

މިއަދު އޮންލައިން