ރާއްޖޭގެ ރަށްރަށަށް ސިއްހީ ޚިދުމަތްތައް އަވަސްކޮށް، ބޭސްފަރުވާގެ ސާމާނާއި ތަކެތި ފޯރުކޮށްދިނުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓަށް ބޭނުންވާ ދެ ޑްރޯން މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށް، އެ ތަކެތި އޮޕަރޭޓް ކުރުމުގެ ތަމްރީނުތައް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ.
ހުޅުމާލޭގައި ހުންނަ ސްޓޭޓްފާމާ ސެންޓްރަލް ވެއާހައުސްގައި ދެއްވި އިންޓަވިއުއެއްގައި ޑރ. ޝާހް ވިދާޅުވީ، އަންނަ އަހަރު އަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ ސްޓޭޓްފާމާ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ޑްރޯންތައް މިހާރު ލިބިފައިވާއިރު، އެ ތަކެއްޗަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި ޓެކްނިކަލް މަސައްކަތްތައް ސަޕްލައިކުރި ކުންފުންޏާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ބޭނުންކުރާ ޑްރޯންތަކަކީ އެއް ފަހަރާ 5 ކިލޯގެ ބަރުދަން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ތަކެއްޗެވެ. މިއީ ސިއްހީ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ އަދި ހިންގުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ނިޒާމެއް ކަމަށް ސްޓޭޓްފާމާއިން މައުލޫމާތު ދެއެވެ.
ޑރ. ޝާހް އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ބޭނުންވާ ހަބުތައް ޤާއިމުކުރާނެ ރަށްތައް ޚާއްސަ ޕްލޭނެއްގެ ދަށުން މިހާރު ކަނޑައަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ބޮޑެތި ގުދަންތަކާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ އޮޓޮމޭޓެޑް ނިޒާމުތަކަށް ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓުގައި އެކަންކަން ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.