އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންތައްތައް ގިނަކަމުން އިޤްޠިޞާދު ހަމަމަގަށް އަޅުވަން ދަތިތަކެއް އެބަހުރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީ.އެން.ސީ ގެ ލޮބުވެތި މެންބަރުން. ދިވެހި ލޮބުވެތި ރައްޔިތން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އާދެ، އަނެއްކާވެސް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރާ ބައްދަލުވާތީ އަޅުގަނޑު ވަރަށް އުފާ ކުރަން. އެންމެ ފުރަތަމަވެސް ޙިޖްރީ އާ އަހަރުގެ ހެޔޮ ތަހުނިޔާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އާދެ، އަޅުގަނޑު ދަންނަވާލަންބޭނުންވާ އެންމެ މުހިއްމު ވާހަކައަކީ މިރޭ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުމެން އެންމެން އެކުގަ ބަދަހިކަމާއެކުގަ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް އުޖާލާ ކުރުމުގަ ތިޔަ ތިއްބެވި ސާބިތުކަމުގައ އެކުވެރިކަމާއެކީގަ ވަރުގަދަ ޢަޒުމެއްގަ ކުރިއަށް ހިންގަވާށޭ. އެގޮތުގަ ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން.
އާދެ، މިދިޔަ ސަރުކާރުގެ ދުވަސްވަރު އަޅުގަނޑުމެންގެ އިޤްތިޞާދު ވައްޓާލާފައިވާ އަނދަވަޅުގެ ވާހަކަ އަޅުގަނޑު އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާތަބުކޮށް ނުވެމްވަރު 17 ވަނަ ދުވަހު ވާނީ ދަންނަވާފަ. އެ ފުން އަނދަވަޅުން އަރައިގަތުމަށްޓަކާ އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ވާހަކަ. މިދިޔަ ޖަލްސާގަ އެކަމާ ގުޅޭގޮތުން ބައެއް ވާހަކަ ދެއްނެވިން. އަދި އަޅުގަނޑު ޔަޤީން ކުރަނީ އަޅުގަނޑަށް ފަހު ސައީދް ވާހަކަފުޅުގަ ވަރަށް ތަފްޞީލްކޮށް މިހާތަނަށް ކުރެވުނު މަސައްކަތާއި އަޅުގަނޑުމެންގެ ސިޔާސަތު ރޭވިފައވާ ގޮތުގެ އަދި ކުރަމުން ދާ މަސެއްކަތްތަކުގެ ތަފްޞީލް ވިދާޅުވެދެއްވާނެ. އެ ތަފްޞީލަށް އަޅުގަނޑު ނުގޮސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އެންމެ ފުރަތަމަ ކަނޑައެޅިގޮތަށް ކުރަން ނިންމި ގޮތަށް، ކުރަން ރޭވިގޮތަށް އިރާދުކުރެއްވީތީ މަސެއްކަތްތައް ދަނީ ކުރެވެމުންނޭ. އަދި އިރާދުކުރެއްވިއްޔާ ނަތީޖާވެސް ދަނީ ފެންނަމުން. އެކަމަށްޓަކާ ހަމަ ދެންމެ ދެންނެވިފަދައިން ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން ބޭނުންވަނީ.
މި އަނދަވަޅުން އަރައިގަތުމަކީ ވަރަށް ބުރަ މަސައްކަތަކަށް ވާތީ. ވިޔަފާރިވެރިންނަށް، ކުދި ވިޔަފާރި، މެދުފަންތީގެ ވިޔަފާރި އަދި ހަމަ އެންމެ މަތީފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށްވެސް އޭގެ އަސަރުތައް ކުރާކަމެއް. ސަރުކާރަށް އަސަރު ކުރާކަމެއް. އެއްވެސް ކަހަލަ ޒިންމާދާރު ކަމެއް ނެތި ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން އަޅުގަނޑުމެން ހަމަ މަގުން ޤައުމު ގެންދިއުމަށްޓަކާ ކަނޑައެޅި ސިޔާސަތު ތަންފީޒު ކުރުމަށްޓަކާ، މި ދެންނެވީ މައިގަނޑުގޮތެއްގަ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މިފަދަ ބައެއް ކަންތައްތަކެއްގެ ތެރެއިން އަރައިގަންނަން މި މަސެއްކަތް ކުރާ ކުރުމުގައި މި ދެންނެވި ބަދަހިކަމާއި އެކުވެރިކަން އެއީ ވަރަށް މުހިއްމު ކަމަކަށްވާތީ.
- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން