މާލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ ލެއާއި އެއް ފެންވަރުގެ ޚިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަމަށެވެ. ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
"މިއީ ވަރަށް ގިނަ ވާހަކަ ހަގީގަތުގަ. ވަރަށް ގިނަ ކަންކަން ގުޅި ލާމެހިގެންދާ ކަންކަން. އަޅުގަނޑު ބޭނުމެއް ނޫން ތި ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާކަށް. ތަރައްޤީގެ އުންމީދުގައި ހަޤީޤީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްޤީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ. އެކަން ކުރެވޭނީ ތިބޭފުޅުން ދެއްވާ އެއްބާރުލުން ދެއްވައިގެން. 100 ޕަސެންޓު ދެއްވާނެކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ހަންކެނޑެ މަޝްރޫއު ވެސް އޮތީ މިހާރު އަމަލީ މަސައްކަތް ފެށޭ ހިސާބުގައި. ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ. 2080 އެނދުގެ މަޝްރޫއެއް އެއީ އެެމްޑީޕީ ސަރުކާރުން 2021 ގައި މި ވާހަކަ ދައްކަން ފެށި، 2023 ވެސް ނިމުނުއިރުވެސް އެ މަސައްކަތެއް ނުނިމުނު. އަޅުގަނޑުމެން ތަރައްޤީ ގެނެސްދޭނީ އަމަލީ ގޮތުން، ވާހަކައެއްގެ ގޮތުގައި ފޮތެއްގައި ހަމައެކަނި ލިޔެގެން ތަރައްޤީއެއް ނުގެނެސްދޭނަން. އެތަނުގެ މަސައްކަތް ނިމިގެންދާއިރު 1980 ވަރަކަށް ވަޒީފާ އުފެދޭނެ،" ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ދައުރުގެ އެންމެ ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށްޓަވާފައިވާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަން ބޭނުންވާކަމަށެވެ.