އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަންވުމަކީ އުންމީދެއް: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަންވުމަކީ އުންމީދެއް: ރައީސް

އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަންވުމަކީ އުންމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ލ. މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ތަރައްޤީގެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރައްވަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހައްދުންމަތީ ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައި ރޭ އޮތް މިބައްދަލުކުރެއްވުމުގައި މާމެންދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ރަށުގެ ބިމާއި ޖާގައިގެ ދަތިކަމުގެ އިތުރުން ބަނދަރު މަރާމާތު ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކުގެ ކުރިމަގަށް އެ މަނިކުފާނު ކުރައްވާ އުންމީދުތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން އ.ތ.މ ކޮމިޓީތަކަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަން ކަށަވަރު ކުރެއްވުމަކީ އެ މަނިކުފާނު ކުރައްވާ އުއްމީދެއްކަން ހާމަކޮށްދެއްވިއެވެ. އެގޮތުން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލު ގެނައުމުގެ އިތުރުން ޗުއްޓީ ފަދަ އިނާޔަތްތައް ހަމަޖެހިގެން ދިއުމަކީ ކުރައްވާ ތަސައްވުރެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

 

މިއަދު އޮންލައިން