ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް, މެންޓަލް ހޮސްޕިޓަލެއް ގަމުގައި ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަމުގެ ތަރައްޤީއަށް ބައެއް ކަންކަން މިއަހަރުގެ ބަޖެޓުގައި ނެތްނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫޢުތަކަށް ޖާގަ ދެއްވާނެކަމަށާއި ޞިއްޙީ ޚިދުމަތުގެ އެންމެ މަތީ ފެންވަރަށް ތަރައްޤީކުރާ 5 ޓާޝަރީ. ހޮސްޕިޓަލުގެ ތެރެއިން 1 ހޮސްޕިޓަލަކީ ގަން ރީޖަނަލް ހޮސްޕިޓަލްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލް ގަމުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލީގެ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ މެޑިކަލް ޓޫރިޒަމް ތަޢާރަފްކުރެއްވުންކަމަށެވެ. ރައީސް ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑުކުރުމާއެކު ގަމަކީ ޞިއްޙީގޮތުން ވަރުގަދަ ނާރެހަކަށް ހައްދަވާނެކަމަށެވެ.
"އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ޤާއިމްކުރަން ވަޢުދުވީން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. ޒުވާނުން ޚާއްޞަކޮށް ހަލާކުވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން، އަޅުގަނޑުމެންގެ ވިސްނުމަކީ މި އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށްވާތީ މެންޓަލް ހޮސްޕިޓަލާ ގުޅޭގޮތަށް ގެންދަން ގަސްތުކުރަނީ. ޞިއްޙީ ގޮތުން ވަރުގަދަ ނާރެހަކަށް މިރަށް ހަދާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.