ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓް އިތުރުވަމުން ގޮސް ނުތަކާ ހިސާބަށް ގޮސްފައިިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިންޓްރެސްޓް މާފުކުރާނެ ކަމަށް މިދިޔަ ސަރުކާރުން ބުނި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެ އޮތީ މާފުނުކުރެވި ކަމަށެވެ. އެހެންވެ މި ސަރުކާރުން މިދިޔަ ހަތަރު މަސްތެރޭގައި މަސައްކަތްކުރީ އިންޓްރެސްޓް މާފުކުރުމުގެ މަސައްކަތްކަން ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ކުރި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދަރާފައި ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ގެންދާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުއްޓާލާފައިވާ މަޝްރޫއުތައްވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.