ބޮޑެތި މަޝްރޫޢުތައް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ.މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަމާއި އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ މަޝްރޫޢެއް ބަޖެޓުގައި ނުހިމެނުނުކަމަށާއި މަދު ފައިސާ މިއަހަރުގެ ބަޖެޓުގައި ޖަހާފައި ވީނަމަވެސް، އެ މަޝްރޫޢުތައް ފެށޭތޯ 4 މަސްތެރޭ މަސައްކަތް ކުރެއްވިކަމަށާއި، އެކަންކަން ކުރިއަށް ގެންދަވާކަމަށެވެ.
ރައީސް ވިދާޅުވީ، 50 މިލިއަން ރުފިޔާއިން މަތީގެ ގިނަ މަޝްރޫޢުތައް ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވާކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުންފަދަ މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢާއެކު ބޯހިޔާވަހިކަމަށް މަޝްރޫޢުތައް ހިންގައި އެކަމަށް ބޭނުންވާ ލުއި ލޯން ދޫކުރެވި ޒުވާނުންނަށް ބޭނުންވާ ބޯހިހާވަހިކަމަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު ބޭނުންފުޅުވާގޮތަށް ބަޖެޓު ފާސްކޮށްނުދޭނަމަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިވާނެކަމަށާއި، ބޯހިޔާވަހިކަމަށް މުޅި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ލޯން ފާސްކޮށްނުދީފިނަމަ އެކަންވެސް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި މަޖިލީހާ ގުޅިލާމެހިފައިވާކަމަށެވެ.
އެހެންކަމުން މުޅި ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބާރު ސްޕީޑުގައި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޢުމްރާނީ އަދި އިޤްތިޞާދީ ގިނަ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ހިންގަން ބޭނުންފުޅުވާކަމަށާއި އެކަމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް މުހިންމުވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.