ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން އައްޔަނުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން އައްޔަނުކުރައްވައިފި!

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ހައުސް މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން އައްޔަނުކުރައްވައިފިއެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން މިމަޤާމަށް އައްޔަނުކުރެއްވީ މިރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީންއަކީ 2008 ވަނަ އަހަރުން ފެށިގެން މިވުޒާރާގެ އެކިއެކި މަޤާމްތައް  ފުރައްވަމުން އަންނަ ބޭފުޅެކެވެ.  ފަޟީލަތުއްޝައިޚް ޢިއްޒައްދީން އެންމެ ފަހުން ފުރުއްވާފައިވަނީ މި  ވުޒާރާގެ މުސާޢިދު ވާޢިޒުގެ މަޤާމެވެ.  

ފަޟީލަތުއްޝައިޚް ޢިއްޒުއްދީން މަތީތަޢުލީމް ޙާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އަދި މިހާރު ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ  ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

- އިސްލާމިކް މިނިސްޓްރީ 

މަރުހަބާ ޝައިޚް! 

ވަރަށް ދަތިވި ކަންކަމުގައިވެސް ޝައިޚް ޢިއްޒުއްދީން ޢަދްނާން ވަނީ މިއަދުނޫހަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. މިއަދުނޫސް ޓީމުން އެދެނީ ޝައިޚަށް އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ!

އަޅުގަނޑުމެން ޝައިޚް ޢާއިމެދު ދެކެނީ މިއަދުނޫސް ޓީމްގެ މެންބަރެއްގެ ގޮތުގައެވެ.

 

މިއަދު އޮންލައިން