އަބަދު އެއްބަޔަކު މަޖިލިހަށް ހޮއްވަވައިގެން އައްޑޫ އަށް ފައިދާއެއް ނުވި، އަޖުމަބަލާލުމަށް ޕީޕީއެމް/ޕީއެންސީގެެ ކެންޑިޑޭޓުން ހޮއްވަވައިދެއްވަވާ: ރައީސް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 29ސ
އަބަދު އެއްބަޔަކު މަޖިލިހަށް ހޮއްވަވައިގެން އައްޑޫ އަށް ފައިދާއެއް ނުވި، އަޖުމަބަލާލުމަށް ޕީޕީއެމް/ޕީއެންސީގެެ ކެންޑިޑޭޓުން ހޮއްވަވައިދެއްވަވާ: ރައީސް

ހަމައެކަނި އެއް ޕާޓީއަކަށް ނިސްބަތްވާ މެންބަރުން އައްޑޫ ސިޓީން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުން ނިމުމަކަށް ގެނެސް އަޖުމަ ބަލާލަން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑެޓުން އިންތިހާބު ކޮށްދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެ ސިޓީގެ ރައްޔިތުން ގާތުން އެދިވަޑައިގެންފިއެވެ. 

މި ހިނގާ 19 ވަނަ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި މެންބަރުންނެވެ. ނަމަވެސް ހަތަރު މެންބަރަކު ވަނީ އެމްޑީޕީ ވަކިވެވަޑައިގެން އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައެވެ. 

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްއާއެވެ. ފޭދު ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގުޅިވަޑައިގެންނެވީ ޕީއެންސީއާއެވެ. ނިމެން ކައިރިވެފައިވާ މި ދައުރުގައި މި ވަގުތު ތިއްބެވީ އެމްޑީޕީގެ ތިން މެންބަރުންނެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މަރަދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. މުޅި ޖުމްލަކޮށް ރާއްޖޭގެ ތަރައްގީ އަށް 20 އަހަރު ދުވަހުގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވައިލާއިރު އެއަށް ހިމާޔާތް ދޭނެ ގާނޫނެއް އެކުލަވާލާން ޖެހޭ ކަމަށް ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެ ޕްލޭނަކީ ރައްޔިތުންގެ ފުރިހަަމަ ހިޔާލާ މަޝްވަރާ އެކީގައި ތައްޔާރުކުރެވޭ ޕްލޭނެއް ކަމަށެވެ. އެހެންވެ އެ ޕްލޭންގައި އައްޑޫ އަށް ކަނޑައަޅާފައިވާ ތަންފީޒުކުރަން އައްޑޫ ރައްޔިތުން ގާތު ރައީސް އެދިވަޑައިގެންނެވީ މި މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ކެންޑިޑޭޓުން އިންތިހާބުކޮށް ދެއްވުމަށެވެ. 

''އަޅުގަނޑު ރައްޔިތުން ގާތު އެދެނީ ތާރީހު ބަދަލުކޮށް ދެއްވާށެ'' ރައީސް ވިދާޅުވީ އެމްޑީޕީން އަށް އަބަދުމެ އައްޑޫގެ މެޖޯރިޓީދީފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ. 

''އަބަދާ އަބާދު އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސްކިޔަން ދީފައިއޮތް އޮތުމުގެ ސަބަބުން ވީ ކަމެއް، ހަގީގަތުގައި މާނަހުރި ދެމެހެއްޓެނިވި ތަރައްގީ އެއް ހާސިލުނުވާކަން އެއީ އަޅުގަނޑު، މިތަނުގައި މި ޕޯޑިއަމްގައި ހުރެ ދައްކާ ވާހަކައަށްވުރެ ބޮޑަށް ތިޔަ ލޮބުވެތި ރައްޔިތުން، ސިޓީގެ ރައްޔިތުން ކޮންމެ ދުވަހަކު ހެކިވަޑައިގަންނަވާނެ'' ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ އެހެން ސަރުކާރުންތަކުން ވެސް އައްޑޫއަށް ކަންތައްތަކެއް ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ޒުވާނުން ބޭނުންވާ ''ވިޝަން'' އެއް ހާސިލުނުވާ ކަމަށެވެ. އެހެންވެ މާނަ ހުރި ދެމެހެއްޓެނެވި ތަރައްގީގެ ވިސްނުން ހުރި މެންބަރުންތަކެއް އިންތިހާބުކޮށްދެއްްވަން އެދިވަޑައިގެންނެވިއެވެ.

 

މިއަދު އޮންލައިން