މިސަރުކާރުން މަޝްރޫއުތައް ހުއްޓާލާ ކަމަށް ބުނުމަކީ އިދިކޮޅު ފަރާތްތަކުން ފަތުރާ ހަޤީގަތާ ޚިލާފު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ކުރީން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިއީ އެމަނިކުފާނާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފަތުރާ ހަޤީގަތާ ޚިލާފު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާހަކަ ކަމަށާއި ވެރިކަމާއި ހަވާލުވިއިރު އެ ފާހަގަކުރާ ޕްރޮޖެކްޓްތައް އޭރުގެ ސަރުކާރުގެ ދުވަސްވަރުވެސް ހުރީ ހުއްޓިފައިކަމަށެވެ. މިކަންކަމަށް އެ ރަށްރަށުގެ ރައްޔިތުން ހެކިވެވަޑައިގަންނަވާނެކަމަށާއި، ރިޔާސީ ކެންޕޭން ތެރޭގައި އެކި ރަށްރަށައް ވަޑައިގެންނެވިއިރު ކޮންމެ ރަށެއްގައި ކަހަލަގޮތަކަށް މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.
"މަދު މަޝްރޫއެއް ނޫނިއްޔާ ގިނަ މަޝްރޫއުތައް ހުރީ އެކި ސަބަބުތަކާއި ހެދި ހުއްޓިފައި. އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސްރޫއުގެ ހޮޅިތައް މަގުމަތީގައި، މަސައްކަތް ކުރާނެ މީހަކު ނެތް. މަގުހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. ބަނދަރުތަކުގެ މައްސަލަ ސްކޫލްތަކުގެ އިމާރާތްތައް ފަށާފައި އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާލާފައި އަހާލީމަ މީގެ 2 އަހަރު ކުރިން ހުއްޓިފައި ކަމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއިރު ކަންކުރި ގޮތަކީ ތިން ހަތަރު ފަހަރު މިގޮތައް ހުއްޓިފައި ހުރި މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުންކަމަށެވެ. އަދި އެތައް ބަޔަކަށް ފައިސާ ނުދީ ހުރިކަމަށާއި، އޭގެ ސަބަބުން ކުންފުނިތަކަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އެގޮތައް ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގަތީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ. ހުއްޓިފައިވާ ވަރަށް ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އައިއްސް މަސައްކަތް ފެއްޓުވީ އެކަމަކު ވާހަކަ ދައްކަނީ ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލީއޭ. މިއީ ރައްޔިތުން ސަމާލުވަންޖެހޭ ދޮގު ހަދާ ގޮތަކީ އެބޭފުޅުން. މިގޮތައް ކަންކަމުގެ ހަޤީގަތް އޮޅުވާލަމުން މިދަނީ އެބޭފުޅުން. އަޅުގަނޑުމެންނަކީ ތަރައްޤީގެ މީހުން." ރައީސް ވިދާޅުވިއެވެ.