ކިނބިދޫ ދާއިރާގެ އަޅުގަނޑުމެންގެ ކެނޑިޑޭޓް އަޝްރަގް، މި ދާއިރާގެ ވަޑައިގެން ތިއްބެވި ލޮބުވެތި ރައްޔިތުން، ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އެކިއެކި އިސްބޭފުޅުން. އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ހުރިހާ އަޚުންނާއި އުޚްތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އާދެ، އިންތިޚާބުގެ ދުވަސް ވަރަށް ގާތްވެއްޖެ. 17 ވަރަކަށް ދުވަހަށް މިހާރު މިވަނީ ގާތްވެފަ. އަޅުގަނޑު އެދެނީ ކިނބިދޫ ދާއިރާގެ 5 ރަށުގެ ބޭފުޅުންގެ ކިބައިން، މިހާރު ތި ކުރައްވަމުން ގެންދަވާ މަސެއްކަތް އަދި އިތުރު ހަރުފަތްތަކަކަށް މައްޗަށް ގެންގޮސްދެއްވުމަށް. އެއީ މިދާއިރާގެ މި ގޮނޑި އަޅުގަނޑުމެންނަށް ކާމިޔާބު ކުރުމަށްޓަކާ އެމަސެއްކަތް އެގޮތަށް ކުރުން މުހިއްމު ވާނެތީ. އަޅުގަނޑު ދޭ ޔަޤީންކަމަކީ އިރާދުކުރެއްވިއްޔާ މި ދާއިރާގެ ތަރައްޤީއަށް އަދި ޖުމްލަކޮށް "ތ" އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއްގާ ރައްޔިތުންނަށްޓަކާ، އަތޮޅުގެ ތަރައްޤީއަށް، ދާއިރާގެ ތަރައްޤީއަށް، އެ ކަންކަމަށް ފުރިހަމަ އިސްކަމެއް ދޭނެކަމަށް.
އެކަމަކު، އެ އިސްކަމާ އެއްގޮތަށް ޢަމަލީގޮތުން އެކަންވާނީ އަޅުގަނޑުމެންނަށް މަޖިލީހުގެ ތެރޭގަ މި އަތޮޅުގެ ހުރިހާ ދާއިރާއަކަށް އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވައިގެން ފަސޭހަވާނީ އަދި ކުރިއެރުން ހޯދުމުގަ، ނަތީޖާ ނެރުމުގަ ތަފާތުވާނެ.
މިގޮތުން، ކިނބިދޫ ދާއިރާގެ 5 ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން، އަޅުގަނޑުގެ ފުރހަމަ އިތުބާރުއޮތް، އަޅުގަނޑުގެ 100 ޕަސެންޓް ތާއީދު އޮތް ކިނބިދޫ ދާއިރާގެ ކެނޑިޑޭޓް ނަންބަރު 1 އަޝްރަގް ހޮއްވަވާދެއްވުމަށް. ސަބަބަކީ މި 5 ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ކަންތައްތަކަކީ ދެންމެ މި ދެންނެވިފަދައިން މަޖިލީހުގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ޙަޤީގަތަކަށް ހެދޭނެ ކަންތައްތަކަކަށްވާތީ، ބަޖެޓް ފާސްކޮށްގެ ގިނަ މަޝްރޫއުތައް ، ހަމަ ހުރިހާ މަޝްރޫއެއްވެސް ހަޤީގަތުގައި ހިންގޭނީ. ބަޖެޓުގައި ދާއިރާއަށް، ސަރުކާރަށް އެއްބާރުލުން ނުދޭ ބޭފުޅަކު ހުންނަވައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް، ބޭނުންވާ މަޝްރޫއުތައް، ބޭނުންވާ ޢަދަދުތައް ހިމަނައިގެން ފާސްކޮށްދޭނެކަމުގެ ޔަޤީނަކަމެއް ނޯއްނާނެ. ވޯޓު ދެއްވާނެ ކަމުގެ ޔަޤީންކަމެއް ނޯއްނާނެ.
އެހެންނަމަވެސް، އަޝްރަގް ހޮއްވަވައިފިއްޔާ އަޅުގަނޑަށް 100 ޕަސެންޓް ޔަޤީންކަން އެބައޮތް ތި ދާއިރާގަ، ކިނބިދޫ ފާއިރާގަ ރަށްތަކަށް ކުރިއަށް އޮތް އަހަރުތަކުގަ ކުރިއަށް ގެންދަން ހުރި މަޝްރޫއުތަކުގަވެސް އަޅުގަނޑުމެން ބޭނުންވާ ގޮތަށް އެ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް. އެހެންވީމަ ވަރަށް ބޮޑު ތަފާތެއް އެއީ ދާއިރާތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ، ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް، އެކްސްޕެކްޓޭޝަނާ އެއްވަރަށް ނަތީޖާ ނެރުމަށްޓަކައި އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮވުން. އެއީ ހަމަ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް. އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއެއް ހުރީ ނަތީޖާ ނެރުމަށް. (ރިޒަލްޓް އޮރިއެންޓެޑް ގަވަރމެންޓް) އެއް ހިންގުމަށް އަޅުގަނޑު ވައުދުވީ. ހަނދުމަފުޅު ހުންނާނެ ކެމްޕެއިންގަ ވަރަށް ތަކުރާރުކޮށް އެވާހަކަ ދެއްކިން. އެއީ އަޅުގަނޑު އިރާދުކުރެއްވީތީ ކުރީގަ އަޅުގަނޑަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ ލިބުނު އެކިކަހަލަ ޕްލެޓްފޯމްތަކުގަ، އެކިކަހަލަ ފުރުޞަތުތަކުގަ އަޅުގަނޑު މަސެއްކަތް ކޮށްފަ ހުންނާނީ ނަތީޖާ ނެރެން. ނަތީޖާ އަކީ ރައްޔިތުންނަށް ހުރިހާވެސް މުހިއްމުވާކަމަކީ. އެބޭފުޅުން ބޭނުންވާ، ރައްޔިތުން ބޭނުންވާ ކަންކަން ވާން. އެކަންކަން ބާރު ސްޕީޑުގަ ވާން. ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ހާމަޖެހިގެން، ވާސިލްވެގެން، ޙާސލްވެގެން ދާން. އެކަންކަން މި ވަނީ އެކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން މަޖިލީހުގަވެސް ތިބިއްޔާ.
ކޮންމެ ކަމެއްގަ ދެކޮޅުހަދާ، ކޮންމެ ކަމެއްގަ ވޯޓުދިނުމުގަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަޙަތު އިސްކުރާ ބޭފުޅުން މަޖިލިސް ތެރޭގަ ތިބެގެން މި ދެންނެވި ނަތީޖައެއް މާ އަވަސްކޮށެއް އަދި ރައްޔިތުން އެދޭ ގޮތަކަށެއް ނުނެރެވޭނެ. މީ ވިސްނާލެއްވީމަ ވަރަށް ފަސޭހައިން ފަހުމްވެ ވަޑައިގަންނަވާ ކަންކަން. މިދާއިރާގެ ތަރައްޤީއަށް، ކިނބިދޫ ދާއރާގެ ތަރައްޤީގަވެސް މިހިރީ ވަރަށް ގިނަ ކަންކަން ކުރަން. އަދި އޭގަ ގިނަ ކަންކަމަކީ މިހާރުވެސް އަޅުގަނޑު ކެމްޕެއިންތެރޭގަވެސް، އަދިފަހުން އިހަކަށްދުވަހު އަތޮޅަށް ކުރި ދަތުރުގަވެސް ދައްކާފަ ހުރި ވާހަކަ، ވީ ވަޢުދުތައް، ތަކުރާރު ކުރެވިފަ ހުރި ވަޢުދުތައް. އެހެންމަ މި ހުރިހާ ކަމެއްވެސް ކުރުމުގަ އެއީ މިހާރު ހިނގަމުންދާ މަޝްރޫއުތައް ކަމުގައިވިޔަސް، އަދި އަޅުގަނޑުމެން އައިއިރު ހުއްޓިފަހުރި މިހާރު ފެށުމުގެ މަރުހަލާގަ ހުރި، ރީސްޓާޓް ކުރުމުގެ މަރުހަލާގަ ހުރި މަޝްރޫއުތައް ކަމުގައި ވިޔަސް. އަދި ބަޖެޓުގައި ހިމެނިފަހުރި، ފަށަން ޖެހިފަ ހުރި މަޝްރޫއުތައް ކަމުގައި ވިޔަސް. އަދި ދެން އޮތް އަހަރުތަކަށް ހިމަނަން އޮތް މަޝްރޫއުތައް ކަމުގައި ވިޔަސް.
ކިނބިދޫގެ ތަރައްޤީއަށް ވަރަށް މުހިއްމު ބިން ހިއްކުމުގެ މަޝްރޫއު. އެއީ އަޅުގަނޑު ހިތުން ރަށުގެ ތަރައްޤީގަ ލިސްޓި ތަރުތީބު ކޮށްލާއިރުގަ ވަރަށް މަތިން އަންނަ މަޝްރޫއެއް. އިރާދުކުރެއްވިއްޔާ، އަޅުގަނޑުމެން މި މަސެއްކަތް ކުރަނީ ޢަމަލީގޮތުން އެ މަސެއްކަތް ވަރަށް އަވަހަށް ފަށަން. އިރާދުކުރެއްވިއްޔާ އެކަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ދާދި އަވަހަށް.
ހަމައެގޮތަށް ހިރިލަންދޫގަ ބިންހިއްކުން، ހިންގަމުންދާ މަޝްރޫއުވެސް، މިހާރު ގޮސްފައި އޮތް ހިސާބުން ދެންއޮތް ބައިވެސް ދާދި އަވަހަށް ނިންމާލުން އެއީ ހަމަ އެކަމުގެ ތެރޭގަ ހިނގަމުން ދާ ކަންތައް. ކިނބިދޫގެ ބިން ހިއްކުމުގެ މަޝްރޫއާ އެކީގަ ކޯޒްވޭ މަސެއްކަތާ މި ހުރިހާ ކަމެއްވެސް ވަނީ ޕްލޭން ކުރެވިފަ.
އެހެންވީމަ، ތަރައްޤީ ހުރީ ރޭވިފަ، މަޝްރޫއުތައް ހުރީ އެލެއިން ކުރެވިފަ، ތަރުތީބު ކުރެވިފަ. ބޭނުންވަނީ އެއްބާރުލުން، ރައްޔިތުންގެ އެއްބާރުލެއްވުން. އަޅުގަނޑުގެ ކިބައިން އެއްބާރުލެއްވުމަށް އެދިވަޑައިގަތީ، އަޅުގަނޑުގެ ކިބައިން އެއްބާރުލުން ލިބޭނެކަން ރައްޔިތުން ޔަޤީން ކުރައްވަނެކަމަށް އަޅުގަނޑު ޔަޤީންކުރަން.
އަޅުގަނޑު އެދެނީ، އަދި އަޅުގަނޑު ޔަޤީންކުރަނީ، ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑަށް އިންތިޚާބުގަ ދެއްވާނެ ކަމަށް. އެހެންވީމަ، މިފަހަރު ދެވަނަ ވިސްނުމަކަށް ވަޑައިނުގަންނަވަ އަޅުގަނޑުމެންގެ ކެނޑިޑޭޓު ފުރިހަމަ އަޤްލަބިއްޔަތަކުން ދައިރާގެ ގޮނޑީގަ ބައިންދަވާ ދެއްވުމަކީ އަޅުގަނޑު ތިބޭފުޅުންގެ ކިބައިން އެދޭ އަދި ޔަޤީންކުރާ ކަމަކީ. އަޅުގަނޑު ޔަޤީންކުރަން އެކަން ކުރައްވާނެކަމަށް.
- ރައީސުލްޖުމްހޫރިއަޔް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން