ކުރިއަށް ރޭވިފައިހުރި އެތައް ކަމަކުން ނަތީޖާ ނެރުމަށް 17 ދުވަސް ފަހުން އިންތިހާބުގައި ނުކުމެ، 93 މަންދޫބުންނަށް، ފާހަގަ ޖަހައިދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓް އަލީ އަޝްރަގްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ލިބުނު އެކި ފުރުސަތުތަކުގައި އެކި މަސައްކަތްތައް ރައްޔިތުންނަށް ކޮށްދެއްވާ ނަތީޖާ ނެރެދެއްވާފައިވާ ކަމަށެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ދޭއިރު އެ ނަތީޖާއަށް ބެއްލެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުގައި އެއޮތް ހުރިހާ ދަތިކަމެއްގެ ތެރެއިންނާއި މިހާރު ވެސް ކުރިމަތިކުރަމުންދާ ދަތިކަމުގެ ތެރެއިން ވެސް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކޮށްފައި ކަމަށް ވިދާޅުވިއެވެ.
"މީގެ ކުރީގައި ނުކުރެވޭ ނަމަވެސް ކުރެވިދާނެ، އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެ ކުރެވޭނެ މުހިންމު އެތައް ކަމެއް މިހާރު ވެސް އަޅުގަނޑުމެން މިވަނީ ކޮށްފައި މިދިޔަ ދުވަސްކޮޅުގެ ތެރޭގައި. ގައުމީ ސަލާމަތާ ގުޅޭ ކަންކަން. ގައުމީ މިނިވަންކަމާއި އިސްތިޤްލާލާއި ގުޅޭ މުހިންމު ކަންކަން. އިގްތިސޯދީ ގޮތުން ގައުމު އޮތް ހާލަތުން ނަގާ ކޮޅަށް ޖަހައި އަނދަވަޅުން ނަގާ މައްޗަށް ނެގުމަށްޓަކައި ކުރެވޭ މަސައްކަތް. އިޖްތިމާއީ ގޮތުން ރައްޔިތުންނަށް މުހިންމުވެފައިވާ އެތައް ކަމެއް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް. މިއީ ނަތީޖާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނޫން އެއްވެސް އެއްޗެއް ރައްޔިތުންނަށް މުހިންމެއް ނޫން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމަށް ކަމަށާއި މުއްސަދިކަން ލިބެން ކަމަށެވެ. ފުދުންތެރިކަން އިހުސާސްވުން ކަމަށާއި ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ކަމަށެވެ. ފުރާޅެއް ބޯމަތީގައި އޮންނަން ކަމަށެެވެ. ގެދޮރުވެރިކަން ލިބިގެންދާން ކަމަށެވެ.
ސަރުކާރަށް ވެސް މުހިންމުވަނީ އެކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލިސް މުހިންމު ވަނީ އެ ކަންކަމުގައި ނަތީޖާ ނެރުމަށްޓަކައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މުހިންމުވަނީ އެ ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަން އޮތް ކަންކަން ކަމަށް ވިދާޅުވިއެވެ. އެކަން ކުރުމަށް ރައްޔިތުން ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ވަރަށް، ރައްޔިތުން އެދޭ މިންވަރަށް ރައްޔިތުން އެދޭ ހުރިހާ ކަމަކުން ނަތިޖާ ނެރެދެއްވާނެ ކަމަށެވެ. އެމަނިކުފާނަށް މުހިންމުވާ ހަމައެކަނި ކަމަކީ ނަތީޖާ ކަމަށާއި ނަތީޖާ ނެރުމަށްޓަކައ އެމަނިކުފާނަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ކުރަން ޖެހޭނެ ހަމައެކަނި ކަމަކަށް އޮތީ ހަމައެންމެ ފާހަގައެއް ޖަހާލުން ކަަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އެދިވަޑައިގެންނެވީ 93 ދާއިރާއަށް، 93 މަންދޫބުންނަށް، 17 ދުވަސް ފަހުން އިންތިހާބުގައި ނުކުމެ، ނަތީޖާ ނެރުމަށް ފާހަގަ ޖަހައިދިނުމަށެވެ.