ސަރުކާރަށް ޖެއްސުންކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ޚިދުމަތްތައް ހުއްޓުވުމުގެ ބާރު މަޖިލީހަށް އެބައޮތްކަމަށާއި ރައްޔިތުން އެދިއެދި ތިބި ފަދަ އެންމެ މަތީ ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮވެގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފުރިހަމައެއްބާރުލުން ނުލިބެންޏާ ކުރިމަތި ކުރެވޭނެ އެތައް ހުރަހެއް އެބަހުރި. އެތައް ހުރަހެއް. ސަރުކާރުގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް ގެނެވޭހާ ބާރުއޮތްތަނެއް މަޖިލީހަކީ. ދުވާލަކު އެއްފަހަރަކު ވަޒީރެއްގެ "ނޯކޮންފިޑެންސް" ނެގިޔަސް ސަރުކާރު ހިންގަން އުނދަގޫ ވާނެނޫންތޯ؟ ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާގެ " ނޯކޮންފިޑެންސް" ނަގަން މަސައްކަތް ކުރިޔަސް ހަމަ ހުރަސްތައް އަންނާނެ ނޫންތޯ. ދެކޮޅު ނުޖެހޭ އެތައް ޤާނޫނުތަކެއް ފާސްކުރަން ސަރުކާރަށް ހުރަސް އަޅަންވެގެން ކަންތައްތަކެއް ކުރިޔަސް ހުރަސް އެޅޭނެ ނޫންތޯ. ބަޖެޓް ފާސް ނުކޮށްދިނަސް. ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކަންކަމުގަ ނަގަންޖެހޭ ލޯނުތަކާއި، އަދި ލިބޭ އެހީތަކުގެ ބޭނުން ކުރުމަށްވެސް އެތައް ހުރަހެއް ކުރިމަތި ކުރެވޭނެ.
އެހެންމަ މަޖިލީހަކީ ޒަރޫރީ ތަނެއް، ސަރުކާރަށް އެހީތެރިކަން ދިނުމަށް ރައްޔިތުންނަށްޓަކާ ޚިދުމަތް ކުރާ އިރުގަ. އެހެންވީމަމި ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ވިސްނުމުގަ ތިބި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގަ އެހީތެރިކަން ދޭނެ މެންބަރުންތަކެއް ހޮވަން، އެހެންވީމަ އަޅުގަނޑުމި ތަކުރާރުކޮށްވެސް މި ދަންނަވާލަނީ މިކަމުގަ އަޅުގަނޑުމެން އެންމެން ހެޔޮ ވިސްނުމުގަ މަސައްކަތް ކޮށްދެއްވާށޭ.
މިދާއިރާގެ ރައްޔިތުން ކިބައިން އަޅުގަނޑު އެދެނީ އަދި ހަމަ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ގެ އޮތްކަމަކީ ރިފާއު (ބޮޗޭ) ހޮއްވަވައި ދެއްވާނެކަމަށް. އަދި މި ސިޓީގެ ދެންހުރި ހުރިހާ ދާއިރާތަކެއްގެ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮއަވަވައި ދެއްވުމުގަ ވަރުގަދަ ޢަޒުމެއްގަ މަސައްކަތް ކުރައްވާށެ. ވަރުގަދަ ޢަޒުމެއްގަ މަސައްކަތް ކުރައްވާށޭ، މި 5 އަހަރު ނިމިގެންދިޔައިރުގަ މި 5 އަހަރުގަ މަޖިލީހުގަ މަސައްކަތް ކޮށް، މާލޭގެ ރައްޔިތުންނަށް، އަދި މުޅި ރާއްޖޭގަވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުނު ބޭފުޅުންނަށް ދެވަނަ ފަހަރު ފުރުޞަތު ދިނުމުގެ މާނައެއް އަޅުގަނޑު ހިތުން ދެއްކޭކަށެއް، ފެންނާކަށެއް ނަތް. އެހެންވީމަ، މިކަމުގަ ދެން އިސްކުރަންވީ ހަމަ ޤައުމީ ވިސްނުން، ތަރައްޤީގެ ވިސްނުން، މިނިވަންކަމުގެ ވިސްނުން، ދީނާއި ޤައުމިއްޔަތުގެ ޙައްޤުގައި ސަރުކާރު މިކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ވިސްނުން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވަވާ، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޙާބުގަ ފުރިހަމަ ކާމިޔާބީއެއް މިންވަރު ކުރެއްވެވުން. އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމުގަ އަޅުގަނޑުމެން އެންމެނަށް ހެޔޮ ތަޢުފީޤު މިންވަރު ކުރެއްވުން. މި ޤައުމަކީ މިނިވަންކަންމަތީ ތާ އަބަދު ލެހެއްޓެވިގެންވާ ޤައުމެއްކަމުގަ މިންވަރު ކުރައްވާށި!
ވައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު
- ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން