ދެން، އިންތިޚާބް އައިސް ބޯމަތިވީމަ މިތާ ކައިރިން ފަޅެއް ނަގާފަ އެތަނުން އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް، އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރެވުނު ކަމެއް ނޫން. އެހެންވީމަ ދެއްތޯ ރައްޔިތުން ނިންމެވީ އެކަންވެސް ރަނގަޅުކުރަން އަޅުގަނޑަށް ވޯޓު ދޭން. އެކަން އިރާދުކުރެއްވިއްޔާ ހަމަ އަޅުގަނޑު ތަކުރާރުކޮށް ވަޢުދު ވާ ފަދައިން އަޅުގަނޑު ވަޢުދު ވީގޮތަށް ފުއްދާނަން. ރައްޔިތުންނަށް ވީ ކޮންމެ ވަޢުދަކީ އަޅުގަނޑު އިޚްލަސްތެރިކަމާޢި އެކީގަ ފުއްދާނެ ވަޢުދެއް.
އެންމެ ބޮޑު ކަމަކީ ހަމަ ޙަޤީގަތުގައިވެސް ގެދޮރުގެ މައްސަލަ. މިދާއިރާގަވެސް، މިދާއިރާގަ އެބަހުރި އެތައް ގެއެއް،އަޅުގަނޑު ހަމަ ޢަމަލީގޮތުން ވަދެވިފަ ހުރި ގެތައް ގިނަވާނީ. ވަރަށް ޙާލުގަ އުޅޭ ރައްޔިތުން ތިބި. އެހެންމަ މި ޙާލުގަ އުޅޭ ރައްޔިތުންނަށް މި ބޭނުންވެފައިވާ ގޯތިގެދޮރުގެ މައްސަލަ ސަރުކާރުން ޙައްލު ކުރުމުގައިވެސް ނަގަންޖެހޭ ލޯނުތައް ހުންނާނެ. ސީދާ ޕީ.އެސް.އައި.ޕީ ގެ މަޝްރޫއުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ހުންނާނެ. ޤާނޫނުތައް ފާސްކުރުރަން ޖެހޭކަންކަން އެބަހުރި.
އެހެންމަ، މިހެންގޮސް މަޖިލީހުގެ ދައުރު ވަރަށްބޮޑަށް ހިމެނޭ ކަމެއް ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލު ގެނައުމަކީ.އެކަން ކުރެވޭނީވެސް އެކަމަށް މަގުފަހި ކޮށްދޭނެ މެންބަރުން ތިބެގެން. މިދިޔަ 4 މަސްތެރޭގަ މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގަ ހުރަސް ކުރިމަތި ކުރި ގޮތަށް ކުރިމަތިކުރަން 5 އަހަރު ދީގެން، މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް ވެދާނެ ކަމަށް އަޅުގަނޑަށް ހަމަ ފެންނަނީ އެކަން އެގޮތަށް ހިނގައްޖެއްޔާ.
އަޅުގަނޑަށް ޔަޤީން، މާލޭގެ ރައްޔިތުން ބޭނުންވެލައްވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ ހައްލު ވާން. މާލޭގަ އިޖްތިމާއީގޮތުން ހައްލުވާން ހުރި ކަންކަމަށް ހައްލު ކުރަންޖެހޭ ކަންކަމަށް ހައްލު ގެނެސްދޭން ސަރުކާރުގެ ފަރާތުން. މަގުތައް އެހެރީ، މިތާ މިއޮއް ބޮޑު ޕާކިންގ ގެ މައްސަލަ ހައްލުވެ، މުޅި މާލެ ސިޓީއަށް ހަމަޖެހުން އަންނަން މާލޭގަ ދިރިއުޅޭ ރައްޔިތުން ބޭނުންވާނީ. އެންމެ ފުރަތަމަ ގެދޮރުގެ މައްސަލަ ދެން ދެންހުރި ކަންތައް.
މިކަންކަން ކުރެވޭނީ މި ކަންކަމަށް ސަރުކާރުގެ ތެރެއިން ކުރަން ހުރި ކަންކަމަށް މަޖިލީހުގެ ދައުރު އަދާކޮށްދޭނެ ބަޔަކު ތިބެގެން. މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫން ރާއްޖޭގެ ދުސްތޫރު ހެދިފާއި އޮތްގޮތުން އޮތީކީއެއް.
އެހެންވީމަ، މި އިންތިޚާބުގަ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން މި މަސައްކަތް ކުރައްވަންވީ. އޭރުން އިރާދުކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ޢަމަލީ ގޮތުން ފެނިގެނަދާނީ މި ކަންކަން ވެގެން ދާތަން. ޢަމަލީގޮތުން މިއަހަރު ތެރޭގަ އިރާދުކުރެއްވިއްޔާ ފެނިގެންދާނެ ޢަމަލީ މަސައްކަތް، ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫއުތައް ފެށިގެން ދާތަނާއި،ލުއި ލޯނުތައް ދޫކުރަން ފަށާތަނާ މިހުރިހާ ކަމެއް.
އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ބާރުސްޕީޑުގަ ކުރިއަށް. ގުޅީފަޅު، ގިރާވަރު ފަޅު، ހުޅުމާލެ، ރަސްމާލެ މި ހުރިހާތަނެއް ތަރައްޤީ ކުރުމުގެ މަސައްކަތާ އެކީގަ މާލެ ސިޓީގެ ރައްޔިތުންގެ، މާލޭގަ ދިރިއުޅުއްވާ ހުރިހާ ރައްޔިތުންގެ ގޯތީގެދޮރުގެ މައްސަލަ މި 5 އަހަރު ނިމޭއިރު އެއްކޮށް ހައްލު ކުރާނަން އަޅުގަނޑު. އެކަން ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ލިބިގެން.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން