މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޢީމާންކަމާއެކު ޘަވާބަށް އެދޭ ޙާލުގައި ލައިލަތުލް ޤަދްރި ވިލޭރޭ ޤިޔާމް ކޮށްފިމީހާ އެބަހީ، ނަމާދުކޮށް އެރޭގެ އަޅުކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އޭނަގެ އިސްވެދިޔަ ކުދި ފާފަތައް ފުއްސެވޭ ހުއްޓެވެ."
މި ޙަދީޘް ބަސްފުޅަކީ ޙަޤީގަތުގައި އުއްމީދުން ފުރިފައިވާ ޙަދީޘް ބަސްފުޅެއް. އެއީ، އަޅުގަނޑުމެން ރަމަޟާންމަހުގެ ދުވަސްތައް ހޭދަކުރަމުން ދާއިރުގަ، ރަމަޟާންމަހުގެ ކުރީކޮޅުގަ ފަހަރެއްގަ ހެޔޮ ޢަމަލް އެހާ ގިނައިން ނުކުރެވިދާނެ. ރަމަޟާންމަހުގެ ކޮންމެ ރެއަކު ރޭއަޅުކަންވެސް ފަހަރެއްގަ މި ދިރިއުޅުމުގެ ކަންތައްތައް ހުން ގޮތުން ފަހަރެއްގައި ނުކުރެވިދާނެ.
ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަނެއްކާވެސް ފުރުޞަތެއް މި ދެއްވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރެއިން ރެއެއްގައި މާތް ﷲ މި ލައްވަވަނީ 83 އަހަރަށްވުރެން، އެ ރޭގައި 83 އަހަރަށްވުރެން އެރެއެއްގެ ދަރުމައާއި ޘަވާބު އިތުރަށް އެމީހަކަށް ލިބޭނެ ރެއެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ލައްވަވަނީ. އެއީ ލައިލަތުލް ޤަދްރި ވިލޭރޭ.
އެރެއަކީ އާދައިގެ ރެއެއްނޫން. އެރެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާންފުޅު ޤުރުއާން، ކީރިތި ޤުރުއާން އެ ރެއެއްގައި މާތް ﷲ ބާއްވާލެއްވިރޭ. އެރޭގަ، އެރޭގެ ޙުރުމަތަށްޓަކައި އެރޭގެ މާތް ކަމުގެ ސަބަބުން އެރޭ މީސްތަކުން ހެޔޮ ޢަމަލްތައް ގިނައިން ކުރާތީވެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެރޭ މި ފޮނުއްވަނީ މަލާއިކަތް ބޭކަލުން، އަދި މަލާއިކަތް ބޭކަލުންނާއި އެކުގަ ޖިބްރީލް ޢަލައިހިއް ސަލާމް، މި ބިމަށް، ދުނިޔޭގެ އުޑަށް މާތް ﷲ މި ފޮނުއްވަނީ މަލާއިކަތް ބޭކަލުން.
އަދި އެރޭ މަތް ﷲ ޖެހިގެން އަންނަ އަހަރުގެ ލައިލަތުލް ޤަދްރި ވިލޭރެއާ ހަމައަށް، އެއް އަހަރުގެ މުއްދަތަށް މާތް ﷲ ދުނިޔޭގަ ވާނެ އެންމެހާ ކަންތައްތައް، އިންސާނުންނަށާ، ޖިންނީންނަށާއި، މާތް ﷲ ގެ މަޚްލޫޤުންނަށް މެދުވެރިކުރައްވާނޭ އެންމެހާ ކަންތައްތައް މާތް ﷲ މިރޭ ކަނޑައަޅުއްވާ ނިންމަވާ.
މާތް ﷲ ވަޙީކުރައްވަނީ --- "ތިމަން ރަސްކަލާންގެ އެފޮތް، އެބަހީ ޤުރްއާން ބާއްވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރު ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާންގެ ވޮޑިގެން ވަމެވެ. އެރޭ ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާން ކުރައްވަތެވެ."
މި އާޔަތުން ޢިލްމުވެރިން ދަލީލު ނަންގަވާ ވިދާޅުވޭ ﷲ ސބުބުޙާނަހޫ ވަތަޢާލާ އެރޭ ދެން އަންނަ އަހަރުގެ ލައިލަތުލް ޤަދްރިވިލޭރެއާ ހަމައަށް މެދުވެރިވާނޭ ހުރިހާކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ލިޔުއްވަވައެވެ.
އިބްނު އައްބާސް ރަޟިޔަﷲ ޢަންހުވެސް ވިދާޅުވެފައިވާ ކަމަށް ބަސްފުޅެއްގައި އައިސްފައި އޮވޭ. މާރުކޭޓެއްގައި ހިނގާފަ ދާ މީހަކަށް އިޝާރާތް ކުރައްވާ އެކަލޭގެފާނުވެސް ވިދާޅުވާކަމަށް ބަސްފުޅެއްގަ އައިއްސަ އޮވޭ. " ތިޔަބައިމީހުންނަށް މީހަކު ފެނިދާނެއޭ ހިނގާފައި ދަނިކޮށް މިހާރު. ނަމަވެސް އޭނާ ވެދާނެއޭ މިއަހަރު މަރުވާނޭ މީހުންގެ ތެރެއިން ލިޔުއްވާފައިވާ މީހުންގެ ތެރެއިން ވާ މީހެއްކަމުގައި އޭނާ ވެދާނެއެވެ.
އެހެންވީމަ، އަޅުގަނޑުމެންނަކަށް ނޭންގޭ ދެން އަންނަ އަހަރު ރަމަޟާންމަހުގެ މި ލައިލަތުލް ޤަދްރި ވިލޭރޭ އަޅުގަނޑުމެންނާ ބައްދަލުވާނެކަމެއް އަޅުގަނޑުމެންނަކަށް ނޭންގޭ. އެހެންވީމަ، އަޅުގަނޑުމެން މި 83 އަހަރުގެ ދަރުމަޢާއި ޘަވާބު ހޯދުމަށްޓަކައި ޢަޒުމް ކަނޑައަޅާ ކޮންމެ ރެއެއްގަވެސް މަސައްކަތް ކުރަންވީ. މި ރޭ ﷲ ސުބުޙާނަހޫ ވަތަޢާލާ މި މާތް ކުރައްވާފައިވާ މި ދަރުމައާއި ޘަވާބު އެހާމެ ގިނައިން މި ލިބޭ ރޭ އަޅުގަނޑުމެން ބޭކާރު ކޮށްލައިފިނަމަ ހަޤީގަތުގަވެސް އަޅުގަނޑުމެންނަށް އެ ގެއްލިގެން ދަނީ ވަރަށް އަގުހުރި ފުރުޞަތެއް.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އަޅުގަނޑުމެންނަށް މި ލައިލަތުލް ޤަދްރި ވިލޭރޭ ދެއްވުން. އަދި އެރޭގައި ރޭ އަޅުކަން ކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުން. އަދި އެރޭގެ ދަރުމައާއި ޘަވާބު އަޅުގަނޑުމެންނަށް ދެއްވުން. އަދި އެރޭ އެންމެހާ ފާފަތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްސަވާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލެއްވުން.
(އަރަބި)
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން: