ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ފަދައިން ރާއްޖޭގައި ތިބި ބޭރު ސިފައިން މިގައުމުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައި، ދެވަނަ ޕްލެޓްފޯމުގައި ތިބި ބޭރު ސިފައިން މި އޭޕްރީލްމަހު ރާއްޖެއިން ފައިބާނެކަމަށާއި އެންމެ ފަހު ޕްލެޓްފޯމުގައި ތިބި ސިފައިން މެއިމަހު ފޭބުމުން ރާއްޖޭގައި ތިބި ހުރިހާ ސިފައިން ފައިބާ ނިމޭނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ، މިގައުމަކީ ތާއަބަދު މިިނިވަން ގައުމެއްގެ ގޮތުގައި އޮންނަ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް އިހުސާސްކޮށްދޭނެކަމުގެ ވައުދުކަމުގައެވެ. އެގޮތުގެ މަތިން މިތަނުގައި ތިބި ބޭރު ސިފައިން ފޮނުވާލުމަށްޓަކައި ފުރަތަމަ ދުވަހު މަސައްކަތް ފެށި ގޮތަށް އެއްވާނެއްގައި ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކުގެ ހަމަތަކުގެ މަތިން މަސައްކަތް އެދަނީކުރިއަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވީ އެންމެ ބޮޑު ވައުދަކީ، މިގައުމަކީ ތާއަބަދު މިިނިވަން ގައުމެއްގެ ގޮތުގައި އޮންނަ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް އިހުސާސްކޮށްދޭނަމޭ، އެކަންކުރުމުގައި ފުރަތަމަ ދުވަހުން ފެށިގެން އަމަލީގޮތުން މިއަންނަނީ މަސައްކަތް ކުރަމުން، ދިވެހިރައްޔިތުންނަށް އެކަން ފެނިވަޑައިގަންނަވާނެ، މިތަނުގައި ތިބި ބޭރު ސިފައިން ފޮނުވާލުމަށްޓަކައި ފުރަތަމަ ދުވަހު މަސައްކަތް ފެށި ގޮތަށް އެއްވާނެއްގައި ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކުގެ ހަމަތަކުގެ މަތިން މަސައްކަތް އެދަނީކުރިއަށް، އެކަންވެސް ދެފަރާތުން އެއްބަސްވި ގޮތަށް ލިޔެކިޔުމުގައި ސޮއިކުރެވިފައިވާގޮތަށް އެދަނީ ތަންފީޒުވަމުން، މިމަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމުގައި ތިބި ބޭރު ސިފައިން ފައިބާނެ، ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިން ދެން އަންނަ މަހުގެ 10 އެއްގެ ކުރިންފައިބާނެ، އޭރުން ފައިބާ ނިމުނީ ހުރިހާ ބޭރުސިފައިން،" ރައީސް ވިދާޅުވިއެވެ،
މިގައުމުގައި ރައްކާތެރިކަމާއި މިނިވަންކަމާއި ސަލާމަތްތެރިކަން ގާއިމުކުރުމަށްޓަކައި ހުރިހާ މާނައެއްގައި މަޖިލިހަށް މެންބަރުން ހޮވުމުގައި ރައްޔިތުންގެ މަޖިލިހަށް އެހެންބައެއްގެ އެޖެންޑާ މިތާނގައި ތަންފީޒު ކުރުމުގެ ވިސްނުން ނުގެންގުޅޭ މީހުން ހޮވަން ޖެހޭ ސަބަބަކީ ދިވެހިންގެ ރާއްޖެ ގާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ދިވެހިންގެ ވިސްނުން އިސްކުރާ ފަރާތްތައް ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ،
"ދިވެހިންގެ ރާއްޖެ ގާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި މިކަހަލަ އެތައް ކުރުމުގައި ދިވެހިންގެ ވިސްނުން އިސްކުރާ، އެހެންބައެއްގެ އެޖެންޑާ މިތާނގައި ތަންފީޒު ނުކުރުމުގެ ވިސްނުމުގެ މީހުން މަޖިލިހަށް ހޮވަން ޖެހޭނީ އެހެންވެގެން، އެހެންވީމަ ރައްކާތެރިކަމާއި މިނިވަންކަމާއި ސަލާމަތްތެރިކަން މިގައުމުގައި ގާއިމުކުރުމަށްޓަކައިހުރިހާ މާނައެއްގައި މަޖިލިހަށް މެންބަރުން ހޮވުމުގައި މިދެންނެވި ވިސްނުން އިސްކުރަން ޖެހޭ އަނެއްސަބަަބަކީ،" ރައީސް ވިދާޅުވިއެވެ.