ނިމިދިޔަ ސަރުކާރުން ހުއްޓާލާފައިވާ މަޝްރޫއުތައް ހުއްޓިފައި ހުރީ ރައްޔިތުންގެ ކުންފުނިތަކަށް ދޭން ޖެހޭ ނުވަހާސް މިލިއަން ރުފިޔާގެ ފައިސާ ނުދީގެން ކަމަށާއި މިސަރުކާރު އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް ފެށިފައިވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 527 މަޝްރޫއު ހިންގާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިވިގެން ދަނީ ފާއިތުވި މަސްތަކުގައި މި ސަރުކާރުން ކަމެއް ނުކުރާ ކަމަށް އިދިކޮޅު މީހުން ދައްކާ ވާހަކަތައް ކަމަށެވެ. އަދި ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް މި ސަރުކާރު އައިސް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް ކަމަށެވެ.
"އަޅުގަނޑުމެންނަށް އިވިގެންމިދަނީ މިހަވާލުވެގެން މިދިޔަ 4 މަހާ ބައިގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި މިދިޔަ ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަނިކޮށް މިސަރުކާރުން ހަވާލުވެގެން ހުރިހާ މަސައްކަތެއް ހުއްޓާލިކަމަށް، މިކަހަލަ ވާހަކަތައް އަޑުއަހާ ބަޔަކަށް ވާންވީ ސަބަބެއްނެތް، ލޯކުރިމަތިން ހުރިހާ ކަމެއް ފެންނަންހުރިއިރު، މިރޭ ގަސްދުކުރަނީ އަދަދުތަކުން މިވާހަކަތައް ފެކްޗުއަލީ ހިއްސާކުރަން,"
ޖުމްލަ ނުވަހާސް މިލިއަންރުފިޔާގެ ފައިސާ، ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ދޭންހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފައިސާ ނުދީ ހުރީމަ މަސައްކަތްތައް ހުއްޓިފައި ހުރިކަމަށާއި މިސަރުކާރު އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. އަދި އެ ކަންކަމުގ ތަފްސީލު ހާމަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 527 މަޝްރޫއު ހިންގާ ކަމަށެވެ. އަދި ކުރީ ސަރުކާރުން، ކުންފުނިތަކަށް ފައިސާ ނުދީގެން ހުއްޓިފައި ހުރި ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާ ކުރައްވައި ވިދާޅުވީ،
ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ 27 ހުއްޓިފައި ހުރި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކާއެކު ޖުމްލަ 74 ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި
ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 30 މަޝްރޫއު ހުއްޓިފައި ހުރި ނަަމަވެސް މި ސަރުކާރުން ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 90 މަޝްރޫއު ވަނީ ފަށާފައި
އެއަރޕޯޓް ހެދުމުގެ މަޝްރޫއު 7 ރަށުގައި ހުއްޓިފައި އޮތް ނަމަވެސް އެ 7 މަޝްރޫއު މިހާރު ކުރިއަށް އެބަދޭ
މަގު ހެދުމުގެ މަޝްރޫއު 17 ހުއްޓިފައި ހުރި ނަމަވެސް މި މަޝްރޫއުތައް ފަށާ 26 ރަށުގައި މަގު ހެދުމުގެ މަޝްރޫއު މިހާރު ކުރިއަށް އެބަދޭ
ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 87 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 71 މަޝްރޫއު ފަށާ ބައެއް މަޝްރޫއުތައް ވަނީ މިހާރު ނިމިފައި
މިސްކިތްތަކުގެ 20 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 42 މިސްކިތުގެ މަޝްރޫއު އެބަ ހިނގާ
ތައުލީމީ ދާއިރާގެ 90 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 217 މަޝްރޫއު ސަރުކާރުން މިހާރު އެބަ ހިންގާ
ރައީސް ވިދާޅުވީ މިހުރިހާ މައުލޫމާތެއް ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލަން އެކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ފައިސަލާ ކުރުމަށްޓަކައި ހަގީގަތް ބެއްލުމަށް ހާމަކުރުމުގެ މަގުސަދުގައި ކަމަށެވެ. ތަކުރާރުކޮށް މިސަރުކާރުން މަޝްރޫއުތައް ހުއްޓާލިކަމަށާއި ގައުމަށް ޑޮލަރު ނުލިބެނީ މިފަދައިން މަސައްކަތްތައް ހުއްޓިފައި އޮތުމުން ކަމަށް ބުނެ ނިމިދިޔަ ސަރުކާރުން ފަތުރަމުންދާ ދޮގުވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށްޓަކައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުއިއްޒު ވަނީ ރައްޔިތުން ބަލައިލުމުން އެނގޭނެފަދައަކުން ކަންކަން ހާމަކުރައްވާފައެެވެ.