އާދެ! މި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއް ކުރުމުގަ ހަމަ މިގޮތަށް ދެންހުރި ދާއިރާތަކުގެ ރައްޔިތުން ކިބައިންވެސް މި އެދެނީ އެގޮތަށް ވިސްނާ ވަޑައިގަތުމަށް.
އަދި ހަމަ އެޔާއެކީގަ އަޅުގަނޑުމެންގެ ތެރެއިންވެސް އެދެނީ މި ވިސްނުން އިސްކުރަން. އަމިއްލަ މަސްލަހަތު އެއްކައިރިކޮށްފަ އަޅުގަނޑު ތާޢީދު ކުރާ، އަޅުގަނޑުމެން ތާޢީދު ކުރާ ސަރުކާރުން އެދޭ ކެނޑިޑޭޓުން ހޮއްވާ ދެއްވުމުގައި އަޅުގަނޑުމެން ޕީ.ޕީ.އެމް، ޕީ.އެން.ސީގެ މެމްބަރުން ކިބައިންވެސް އަޅުގަނޑު އެދެނީ އެގޮތަށް މަސައްކަތް ކޮށްދެއްވަން. މި ވާހަކަ މި ދަންނަވަނީ ޕީ.ޕީ.އެމް، ޕީ.އެން.ސީ ގެ މެންބަރުންނަށް. އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ޕާޓި މެންބަރުންގެ ކިބައިން.
އަޅުގަނޑުމެންނަށް ބައެއް ދާއިރާތަކުން މި ފެންނަނީ ޕްރައިމަރީގަ ވަކި ގޮތަކަށް ނިމުނީމަ، ނޫނިއްޔާ ސަރުކާރުން ވަކި ކެނޑިޑޭޓަކަށް ތާޢީދު ކުރީމަ، އެހެން ނަމަވެސް އަމިއްލަ މަސްލަޙަތު އިސްކުރައްވައިގެން ވާދަކުރައްވާތަން. ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ބައެއް ދާއިރާތަކުގަ މިކަން ފެންނާތީ ހިތާމަ ކުރަން. އޭގެ ސަބަބުން ފަސޭހަކަމާއެކީގެ އެ ގޮނޑި ގެއްލެނީ، ގެއްލޭތަން އެބަ ފެނޭ. މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ ކިބައިން. ލޮބުވެތި މެންބަރުންގެ ކިބައިން، ޕީ.ޕީ.އެމް، ޕީ.އެން.ސީ ގެ. މަދު ދާއިރާތަކެއްގެ ނަމަވެސް. އެހެން ނަމަވެސް އެ މަދު ދާއިރާތަކަކީ އަޅުގަނޑުމެންނަށް އެންމެ ވަރުގަދަކޮށް ހުރި ބައެއް ދާއިރާތައްވީމަ މިވާހަކަ މި ދަންނަވަނީ. އެހެން އެކަން ކުރެއްވީމަ ވޯޓު ބައިބައި ވަނީ އަޅުގަނޑުމެންގެ ތެރޭގަ. ބައިބައި ވީމަ ދެން އެމް.ޑީ.ޕީ އަށް ނޫނިއްޔާ އެހެން ޕާޓީތަކަށް އެ ގޮނޑި ކާމިޔާބު ވަނީ. އެހެން އެކަން ނުކުރެއްވުމަށް އަޅުގަނޑު ތަކުރާރުކޮށް އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން އެދެން.
ބާކީ މި އޮތް 20 ދުވަހަކީ އަދި މާ މަދު ދުވަސްކޮޅެއް ނޫން މިކަން ހައްލު ކުރާކަށް. އަޅުގަނޑުމެންގެ އަމިއްލަ އެދުމަށް އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަންޖެހޭ، ޤައުމު ކުރިއަށް ނެރެންޖެހޭ، އެންމެ ފުރަތަމަ ޤައުމު އިސް ކުރަންޖެހޭ. ޤައުމު އިސްނުކޮށް މިއަދު އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތު އިސްކޮށްގެން އަޅުގަނޑުމެންނަށް ވާނެ ކާމިޔާބެއް، ލިބޭނެ ކުރިއެރުމެއް އެބޮތްތޯ؟ ހިތާމަޔަކީ އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ ބައެއް ބޭފުޅުން މިއަދު އެމް.ޑީ.ޕީ އާ ބައިއަތު އެބަ ހިފާ. އެ ބޭފުޅުންގެ މި އަމިއްލަ މަސްލަޙަތު އިސްކޮށްގެން ދާއިރާގެ ގޮނޑިއަށް ގެއްލުން ވާގޮތަށް. މީ ޞައްޙަކޮށް އަޅުގަނޑާ ހަމައަށް ލިބިފަހުރި މަޢުލޫމާތުވީމަ ހިތާމަޔާއެކީ މިކަން ފާހަގަކުރަން، މިކަން ނުކުރެއްވުމަށް އެދެން. މިކަން ކުރެއްވީމަ މިދިޔަ 5 އަހަރު ޤައުމު ދިޔަ މިސްރާބަށް ޤައުމު ދާތަން ދެކެންތޯ އަޅުގަނޑުމެން ބޭނުންވަނީ؟ މި ދެންނެވީ ދީނީ ކަންކަން ގެންދިޔަގޮތް. އަޅުގަނޑުމެންގެ މިނިވަންކަން ދިޔަގޮތް އަޅުގަނޑުމެންނަށް އެނގޭ. ބުރަ މަސައްކަތުން މިކަން ރަނގަޅުކޮށް ދިވެހިންގެ ވިސްނުމަށް ދިވެހިންނަށް އިސްކަންދޭނެ ދިވެހީންގެ ރާއްޖެއެއް ޤާއިމް ކުރަން މި ނިންމީ.
މާލެއިން ހުޅުލެއިން ބަޔަކު ނޫޅެއްނޫންތޯ މިދިޔަ އަހަރުގަ ސެޕްޓެމްބަރުގަ، އޮކްޓޫބަރުގަ، އެ ނިންމުން ނިންމާފަ މިއަދު އެމީހުންނާއެކީގަ އަމިއްލަ މަސްލަހަތު އިސްކޮށް ބައިވެރިވުމަކީ ދެރަކަމެއް. އެކަން ނުކުރެއްވުމަށް މެންބަރުން އަޅުގަނޑުމެން މެންބަރުން ކިބައިން އެދެން.
މީ ޤައުމު އިސްކުރަންޖެހޭ ވަގުތު. މިކަމުގަ ލޯމަރާލައިގެން މީ ނުހިނގާ ކަމެއް ގޮތުގަ އަޅުގަނޑު ހުންނާކަށް ބޭނުން ނުވާތީ މިތާ ލައިވްކޮށް ޕޯޑިއަމްގަ މިވާހަކަ މި ދައްކަނީ. އަދި ވަގުތު އެބައޮތް މިކަން އިސްލާޙު ކުރަން.
އަޅުގަނޑަކީ ހިތުގެ އަޑިން، ހިތުގަ އޮންނަ ގޮތަށް ނޫނީއްޔާ ޤަބޫލުކުރާ ގޮތަށް ނޫނިއްޔާ ވާހަކަ ދައްކާ މީހެއް ނޫންވީމަ ބޭނުންވަނީ ރައްޔިތުންނަށް ދަންނަވަން އަޅުގަނޑުމެންގެ މެންބަރުންނަށް ދަންނަވަން މި ވާހަކަ. މީ ޖުމްލަ ކޮށް އާންމު ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ޕީ.ޕީ.އެމް، ޕީ.އެން.ސީ މެންބަރުން ނޫން މީހުންނަށް ޢަމާޒް ކުރާ ވާހަކައެއް ނޫން.
އަޅުގަނޑުމެންގެ ތެރެއިން މައްސަލަ ޖެހިގެން މި އުޅެނީ ބައެއް މަދު ދާއިރާތަކެއްގަ. އެކަން ނުކުރެއްވުމަށް ތަކުރާރުކޮށް އަދިވެސް އެދެން. މިކަން ހައްލު ކޮށްދެއްވާ އަޅުގަނޑުމެންގެ ތާއީދު އޮތް ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ކެންޑިޑޭޓުން ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުންނާ އެކީގަ ކުރިއަށް ވަޑައިގަތުމަކީ މިއަދު ޤައުމަށްޓަކާ އެބޭފުޅުންނަށް ކޮށްދެވޭނެ އެންމެ މާތް ކަންތައް. އެކަން ކޮށްދެއްވުމުގާ އަޅުގަނޑު މި އެދޭ ގޮތަށް އެންމެން އެކަތިގަނޑަކަށް ވެ ވަޑައިގެން ޤައުމުގެ މަސްލަޙަތު އިސްކޮށްދެއްވުމަކީ މިއަދު ސަރުކާރަށްވެސް އެބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް. މިކަމާ އަޅުގަނޑު ތަކުރާރުކޮށް އިލްތމާސް ކުރަން. އަޅުގަނޑުމެންގެ މެންބަރުން ކިބައިންވެސް އެދެން މިކަމުގަ އިސްކޮށް އުޅޭ ބޭފުޅުން، މިކަމުގަ ދޫނުދީ ކުރިއަށް ދަންޏާ އެބޭފުޅުން ދޫކޮށް ލައްވާފަ ތިބޭފުޅުން ސަރުކާރާއެކީގަ އެއްސަފަކަށް އަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ. ސަރުކާރަށް ތިބޭފުޅުންނަށް ދެއްވޭނެ އެންމެ ބޮޑު އެއްބާރުލުމަކީ އެއީ. މީކީއެއް ޒާތީ ތައައްސުބަށް ޖާގަ ދޭންވީ ވަގުތެއް ނޫން. އެއަށްވުރެ މާ ސީރިއަސް ހަސްހާސް ވަގުތެއް.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން