އާދެ އަޅުގަނޑު ވީ ވަޢުދުތަކުގެ ތެރެއިން މެންޓަލް ހޮސްޕިޓަލް ޤާއިމް ކުރުން، އެއީ ރާއްޖޭގެ ތަރައްޤީއަށްޓަކާ، ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކާ، އިޖްތިމާއީ ދުޅަހެޔޮ ކަމަށްޓަކާ މި ރާއްޖޭގަ އޮތް އެންމެ ބޮޑު އެއް މައްސަލައަށް ހައްލެއް ގެނައުމަށް އަޅުގަނޑު ވީ ވައުދެއް. އެމަސައްކަތް ކުރުމަށްޓަކާ މިހާރު ގިނަ މަސައްކަތްތަކެއް ފެށިފަ ވާކަމެއް. އެކަންވެސް ކުރިއަށް ގެންދެވޭނީ، އެއީ ލޯނު އެހީގަ ކުރިއަށް ގެންދާ ކަމެއް. ލޯނެއް ވިއްޔާވެސް ފާސް ކޮށްދޭނީ ބަޖެޓުން.
ދެން މިހެން ގޮސް އެކިއެކި މަޝްރޫއުތައް އެބަހުރި. އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގަ ހައްދުއް މައްޗަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އަތޮޅެއް. އެ މަސައްކަތްތައްވެސް ދުރު ރާސްތާގެ ޕްލޭންގަ މިހާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގަވެސް ހައްދުއް މައްޗަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އަތޮޅެއްކަން އަޅުގަނޑު ކެމްޕެއިން ތެރޭގަވެސް ދެންނެވިން. ގަމަކީ ވަރަށް މުހިއްމު ރަށަކަށް ވާނެކަން ވަރަށް ތަކުރާރުކޮށް ދައްކާފަ އޮންނާނެ އެވާހަކަ.
މި މަސައްކަތްތައް ޙަޤީގަތަކަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުންވެސް އެއްބާރުލުން ލިބިގެން. އެހެން ނޫނިއްޔާ ސަރުކާރުން ކުރިއަށް ފިޔަވަޅެއް އަޅާއިރަށް އެ ފިޔަވަޅު މައްޗަށް މަޖިލީހުގަ ހުންނަ މެންބަރުން ހުރަސްތަކެއް ކުރިމަތިކޮށް ފަހަތަށް ޖައްސަންއުޅެފިއްޔާ ކުރިއަށް ދާވަރު މަޑުވާނެ، ލަސްވާނެ. އެހެންވީމަ އަޅުގަނޑުގެ ފުރިހަމަ އިތުބާރުއޮތް 100 ޕަސެންޓް އަޅުގަނޑުގެ ތާއީދުއޮތް ޔޫސުފް ނަޝިދު ތިބޭފުޅުން ޚިޔާރު ކުރެއްވުމަކީ އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކީގަ ގަމުގެ ރައްޔިތުން ކިބައިން އެދޭ އެދުމެއް. އިރާދު ކުރެއްވިއްޔާ ތިބޭފުޅުން މިކަން ކުރައްވާނެ. އަޅުގަނޑު ޔަޤީންކުރަން. އޭގެ ނަތީޖާ ރައްޔިތުންނަށް އަޅުގަނޑުމެން އެއްޓިމެއް ގޮތުގަ މަސައްކަތް ކޮށް މި 5 އަހަރު ދައްކާނަން. ގަމަކީ އިރާދުކުރެއްވީތީ ގަމުގެ ރައްޔިތުން ތި އުއްމީދު ކުރަމުން އައި ޙަޤީގަތަކަށް ނުވެ ނުދެވޭ ޙިސާބަށް ތަރައްޤީގެ މަންޒިލް، ތަރައްޤީގެ ރާސްތާ ގެންގޮސްދޭ އަހަރަކަށް މި 5 އަހަރު ހަދައިދޭނަން. މިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެތެރެއިން އެއްބާރުލުން ދެއްވާނެ މެންބަރަކު ހޮއްވަވައިގެން. އެހެންވީމަ ޔޫތް ހޮއްވަވާ ދެއްވުމަށް މި ދަންނަވަނީ.