ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ މި ދިވެހިންގެ ވިސްނުމުގަ "ޕްރޯ މޯލްޑިވްސް" ވިސްނުމުގަ ދިވެހިންނަށް އިސްކަންދޭނެ ވިސްނުމުގަ މަސައްކަތް ކުރާނެ މެންބަރުންތަކެއް ހޮވައިގެން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް މި ޤައުމުގެ ކަންތައް ގެންދިއުމަށްޓަކާ މި މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ.
އެހެންވީމަ ގަމު ދާއިރާގެ ރައްޔިތުންގެ ޙައްޤުގަ، އަޅުގަނޑުމެން އެދޭ ގޮތަށް މަސައްކަތް ކުރާނެހަމައެކަނި ކެންޑިޑޭޓަކީ ޔޫސުފް (ޔޫތް). އެމަނިކުފާނު ހޮއްވައި ދެއްވުމަކީ އަޅުގަނޑު ގަމުދާއިރާގެ ރައްޔިތުންގެ ކިބައިން ނުހަނު އަދަބުވެރިކަމާއި އިޚްލާސްތެރިކަމާއެކީގަ ތަކުރާރުކޮށްވެސް އެދޭއެދުން. އަޅުގަނޑު ޔަޤީންކުރަނީ މިކަން ތިބޭފުޅުން ކޮށްދެއްވާނެކަމަށް. މީ ބުރަ މަސައްކަތެއް، ބޮޑު މަސައްކަތެއް، ޒުވާނުން އަޅުގަނޑު ވަރަށް އުފާކުރަން މިއަދު ގަމު ދާއިރާގެ ރައްޔިތުން ތިއްބެވީ އަޅުގަނޑުމެންގެ ކެންޑިޑޭޓާ އެކީގަކަމުގައިވާތީ. ޒުވާނުންގެ ތި ހިތްވަރާ އެކީގަ ޔޫސުފް ރަޝިދު ކެންޑިޑޭޓް ނަންބަރު 2 ހޮއްވަވާދެއްވުމަށް ބާކީ މި އޮތް 20ދުވަހު ކެނޑިނޭޅިމަސައްކަތް ކުރައްވަންވީ.
އުމުރުން ދުވަސްވީ ބޭފުޅުން، ހަރުކުލައިގެ ބޭފުޅުން، ގަމުގެ އެކި ކަހަލަ ކަންކަމުގަ ވޭތުވެ ދިޔަ ދިގު ޒަމާނުގަ، ދިގު މާޒީގަ ބުރަ މަސައްކަތްތައް ކޮށްދެއްވި ހިއްސާދާރުން އެބަތިއްބެވި، މިތަނުގަވެސް އެބަތިބި. ތި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށް ވެ ވަޑައިގެން އަދި ޕްރައިމަރީގަ ވާދަކުރެއްވި އެހެން ބޭފުޅުންވެސް އެއްޓީމެއް ގޮތުގައި މަސައްކަތް ކުރައްވައިގެން މި ގޮނޑި ކާމިޔާބު ކުރުމަކީ އަޅުގަނޑުމެން ތި ދާއިރާގެ ގަމުގެ ތަރައްޤީއަށްޓަކާ ކުރަން ހުރި ކަންކަމުގަވެސް ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިއްމު މަސައްކަތް.
ގަމުގެ ތަރައްޤީއަށްޓަކައި މެނިފެސްޓޯގަ ވަޢުދުތަކެއް ވެފަ ހުންނާނެ. އަޅުގަނޑު ހަނދާން އެބަހުރި ހުރިހާ ކަމެއް. އެ ހުރިހާ ކަމެއް ކުރުމުގަވެސް ވަރަށް މުހިއްމުވާނެ މަޖިލީހުގަ އަޅުގަނޑުމެންނަށް ތާއީދުކުރާ މެންބަރުން ބެހެއްޓުން. އެއީ ބަޖެޓް ފާސްކުރަނީވެސް މަޖިލީހުން، ޤާނޫނުތައް ހަދަނީވެސް މަޖިލީހުން، ޤާނޫނުތަކަށް ބަދަލު ގެންނަނީވެސް މިޖިލީހުން، އަދި ކެނޑުންތައް އުފުލަނީ ވެސް މަޖިލީހުން.
ދެން ގޮއްސަ ޤާނޫނުއަސާސީގަ އެތައް ބަރުތަކަކާއި ޒިންމާ ތަކެއް ރައްޔިތުންގެ މައްޗަށް ހިންގުމުގަ، ބާރު ހިންގުމުގަ ދައުރު އޮންނަ ބައެއް މަޖިލީހަކީ. އެހެންމަ ގަމުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކުގަ ސަރުކާރަށް އެއަބާރުލުން ދެއްވާ ބޭފުޅަކު ހުރުމަކީ، ރައްޔިތުން މި 5 އަހަރުގަ ގަމުގެ ތަރައްޤީއަށް ގެންނަން ބޭނުންވާ ކުރިއެރުން ގެނައުމަށްޓަކާ ކޮންމެހެން ކުރައްވަން ވާނެ ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެން.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްކެވި ވާހަކަފުޅުން