މި ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދިހައިގެ މި އޮނަހިރިރޭ، ތިބޭފުޅުން އަޅުކަމުގެ ތެރޭގަ މަސްއޫލުވެ އުޅެމުންވެސް މި މުހިއްމު ހަމަ އެހާމެ މާތް މުހިއްމު މަސައްކަތުގަ އުޅުއްވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. މި ޤައުމު ސަލާމަތް ކުރުމަށްޓަކާ އަޅުގަނޑުމެންނަށް މިހާރު ޖެހިފަ މިވަނީ.
ރަމަޟާންމަހެއް ކަމަކު، ފަހު ދިހައެއްކަމަކު، އޮނަހިރި ރެއެއްނަމަވެސް މަސައްކަތް ކުރަން ޖެހިފަ ޤައުމަށްޓަކާ، ދީނުގެ ޙައްޤުގަ. އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭ މިހާރު މިއޮތް މަޖިލީހުގެ މެޖޯރިޓީ އޮވެ، އެބޭފުޅުންގެ ޕާޓީން އަދި އެބޭފުޅުން އަތުގަ ސަރުކާރު އޮތްއިރުގަ ދީނަށް ހަޖޫޖަހާ، ދީނަށް ކުޑައިމިސް ކުރި ކުރުން. އެކަން ތަކުރާރު ކުރުމަށް އެ މިސްރާބަށް މިޤައުމު ގެންދިއުމަށް ފުރުޞަތު ދެން ނުދިނުމަށްޓަކާ މި މަސައްކަތް ކުރަންއެބަޖެހޭ.
އެމް.ޑީ.އެން ރިޕޯޓް ނެރެގެން އަޅުގަނޑުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށާ އަޅުގަނޑުމެންގެ އަޤީދާގެ މައިގަނޑު މަސްދަރުތަކަށް ހަޖޫޖަހާ އެބޭފުޅުން ހެއްދެވި ރިޕޯޓް، އަދި ހެއްދެވީކީއެއް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ބައިތުލް މާލުން ދިވެހިރައްޔިތުންގެ ފައިސާޢިން މަތީ މަޤާމްތަކުގެ ރިޕޯޓް ހެއްދި ބޭފުޅުންނަށް މުސާރަ ދެމުން 5 އަހަރު ދުވަސް ވޭތިކުރި ބައެއްގެ ވާހަކަ މި ދަންނަވަނީ. އެބޭފުޅުން އަތުގަ އޭރުގަ ސުޕަ މެޖޯރިޓީ، މިހާރުވެސ ހަމަ އެހާ ބޮޑު މެޖޯރިޓީއެއް މަޖިލީހުގަ އޮވެގެން ކުރި ކަންތައްމީ. އެހެންވީމަ އެ މިސްރާބަށް މި ޤައުމު ގެންދަން ދެން އަނެއްކާ އަޅުގަނޑުމެން ފުރުޞަތު ދީގެން ނުވާނެ.
ޤައުމީ ވިސްނުމެއްގަ، ދީނީ ވިސްނުމެއްގަ ޤައުމު ސަލާމަތް ކުރުމަށް ރައްޔިތުން ނިންމާ، ދިވެހީންގެ ރާއްޖެއެއް ޤާއިމް ކުރުމަށްޓަކާ ދިވެހީންގެ، ދިވެހީންނަށް އިސްކަންދީ ދިވެހިވަންތަ ޤައުމެއްގޮތުގަ މި ޤައުމު ކުރިއަށް ގެންދިއުމަށް ދިވެހިން ނިންމި ނިންމުން ފުރިހަމަ ކުރުމަށްޓަކާ މި މަސައްކަތް ކުރަން މި ޖެހެނީ.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްކެވި ވާހަކަފުޅުން