މުޖުތަމަޢުގައި ބައިތިއްބައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމަކީ އެންމެ މުހިންމު ހައްލުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި "މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ގެނައުމަށް ޤައުމީ ނަޒަރަކުން ކުރައްވާ މަސައްކަތަކީ ކޮބައިތޯ؟" މީހަކު ކުރެއްވި ސުވާލާށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެންމެ މުހިންމު ހައްލު ކަމަށެވެ. އެހެންވެ، އެގޮތަށް ފަރުވާ ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ސިޔާސަތުތައް ކަނޑައެޅިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގައި ވަބާގައި ޖެހޭ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން މަރުކަޒުތައް މުހިންމު ކަމަށާއި، އެފަދަ އެކި މަރުކަޒުތައް މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރައްވާނެ ކަމަށެވެ.