"މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢުއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ބޮޑުތިލަދުންމައްޗަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖެ މިހާރު އޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ކަމަށާއި އާމްދަނީ އިތުރުވެ އަދި މި ސަރަޙައްދުގައި އެތައް ހާސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.
"ސަރުކަރުގެ ބޮޑު 5 ކުންފުންޏެއް ހިމެނޭގޮތަށް މި މަޝްރޫޢު ހިންގުމަށްޓަކާ "މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން"ގެ ނަމުގައި ކުނުންފުންޏެއް ވަނީ އުފައްދާފައި. އެ ކުންފުނި މި އޭރިއާގައި ފަށާ މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެ ބޮޑު މަސައްކަތައް. އެތަށް ހާސް ވަޒީފާ އުފެދޭނެ." ރައީސް ވިދާޅުވިއެވެ.