ސަރަޙައްދީ ފެންވަރުގެ މަސްކިރާ ފެކްޓްރީއެއް އިހަވަންދޫގައި ޤާއިމްކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސަރަޙައްދީ ފެންވަރުގެ މަސްކިރާ ފެކްޓްރީއެއް އިހަވަންދޫގައި ޤާއިމްކުރަނީ

އިހަވަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ މަސްކިރާ ފެކްޓްރީ ވެގެންދާނީ ސަރަޙައްދީ ފެންވަރުގައި ހިންގޭ މަޝްރޫޢަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިހަވަންދޫއަށް ސަރުކާރުން ވިސްނާފައި އޮތީ މެގަ ޕްރޮޖެކްޓްތަކެއްކަމަށެވެ. އެގޮތުން އިހަވަންދޫއަކީ އެ ސަރަޙައްދުގައި މަސްވެރިކަމުގައި މައި ސިނާޢީ ރަށަށްވުމާއެކު، އެ ދާއިރާއިން ސަރަޙައްދީ ފެންވަރުގެ ޚިދުމަތްތައް އިހަވަންދޫގައި ޤާއިމުކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ އިހަވަންދޫގައި މަސްކިރާ ފެންޓްރީއެއް ޤާއިމުކުރުމުގެ ހުވަފެން ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވީ އެ ކަނބަލުން މި ސަރުކާރާމެދު ދެކެނީ މިއީ ވަރަށް އުންމީދީ ސަރުކާރެއްގެ ގޮތުގައިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. އަދި އެކަނބަލުންވަނީ ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަން ކުރެވެންހުރި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

މިއަދު އޮންލައިން