މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހިމެނޭހެން 522 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސުކޫލުގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ރަށަކީ މަހަށް ފުރާ 15 ދޯނި އޮތް ރަށެއް ކަމަށާއި މި ރަށުގެ ރައްޔިތުންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިފްކޯއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފްކޯ ރީސްޓްރަކްޗާކޮށް އެ ކުންފަކީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައި އިރުވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 250 މިލިއަން ރުފިޔާ ވާރުތަވި ކަމަށާއި ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެންވެސް މަސްވެރިންނަށް ފައިސާ އޮތީ ނުދެވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕު ނުކޮށްވެސް، މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.