ލޯބި އިތުރުކުރަން މަސައްކަތް ނުކުރެވޭނަމަ ދާނީ ހީނަރުވަމުން- ސަމާލުކަންދިނުމުން ފައިދާކުރާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ލޯބި އިތުރުކުރަން މަސައްކަތް ނުކުރެވޭނަމަ ދާނީ ހީނަރުވަމުން- ސަމާލުކަންދިނުމުން ފައިދާކުރާނެ ބައެއް ކަންކަން-

ލޯތްބަކީވެސް ދިރުވައި އާލާކުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދެމަފިރިއަކުވެސް އެކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯބި ދިރުވައި އާލާނުކޮށްފިނަމަ ހީނަރުވެ ވީރާނާވެގެންދާނެއެވެ.

ލޯބިން އެކެއްގެ އަތުގައި އަނެކަކު ހިފައިލުން ގިނަކުރުމާއި އެއްތަށިން ކައިހެދުމާއި އަނގައަށް ލައްވައިގެން ކާންދިނުމަކީވެސް ލޯބި އިތުރުވާކަމެކެވެ. ލޯބިއިތުރުކުރަން ކުރެވޭނެ ކަންކަން ވަރަށް ގިނައެވެ. އެއިގެ އިތުރުންވެސް ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

އެއިގެ ތެރޭގައި އަނެކާގެ ބޭނުންތައް ފުއްދައިދިނުމުގައި ފަރުވާތެރިވުން، ވަޤުތުދިނުން، ރަނގަޅު ކަމެއް ކުރުމުން ތަޢްރީފްކުރުން، ނުރަނގަޅު ކަމެއް ކުރެވިއްޖެނަމަ ރުޅިނައިސް ލޯބިން ނަޞޭޙަތްދިނުން، އެއްދާން ކުރުމާއި އެކުގައި ނިދުމަށް ސަމާލުކަން ދިނުން، އަދި ލިބޭ މިންވަރަކުން ހަދިޔާ ދިނުން ހިމެނެއެވެ. 

ވިސްނާލަން ޖެހޭނެ ކަމެއްވެސް އެބައޮތެވެ. ލޯބިވާކަން ހާމަކުރަން އެކިމީހުން ބޭނުންކުރާނީ އެކި ކަންކަމެވެ. އެކި ގޮތްގޮތެވެ. އެގޮތުން ބަލައިފިނަމަ އަހުރެން އަހުރެންގެ ފިރިމީހާ ދެކެ ވާލޯބި ބަޔާންކުރަން ވަރަށް ގިނައިން އޭނާއާއި ވާހަކަދައްކަމެވެ. ނަމަވެސް ފިރިމީހާއަކީ ވަރަށް ބަސްމަދު މީހެކެވެ. އޭނާއަހުރެންދެކެ ލޯބިވާކަން ބަޔާންކޮސްދެނީ އޭނާގެ ޢަމަލުތަކުންނެވެ. 

ވަރަށް ގިނައިން ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ބޯފެނުގެ މައްސަލައެވެ. މިސާލަކަށް ގިނަ މީހުން، ޚާއްޞަކޮށް ހޫނު މޫސުމުގައި ބޭނުންވާނީ ފިނިކުރިފެން ބޯށެވެ. މިހާރަކަށް އައިސް ދެމަފިރިންވެސް ފްރިޖަށް ފެންލައެވެ. އެހެންކަމާއިއެކުވެސް ފްރިޖުގައި އެވަޤުތު އޮތީ އެންމެ ފެންފުޅިއެކެވެ. އެނަގައި ބޭނުންކުރުމަށްފަހު ފުޅިއަކަށް ފެންއަޅާފައި ފްރިޖަށްލާފައި ނޫނީ ނުދާށެވެ. ސަބަބަކީ ބައިވެރިޔާ ފެންބޯން ބޭނުންވެގެން އަންނައިރު އައިސްކުރި ފެންފޮދެއް ލިބެން ނެތުމުން އޭނާ ވަރަށް ދެރަވާނެއެވެ.  

އަޞްލަށް ބަލައިފިނަމަ މިބުނީ ވަރަށް ކުޑަކުޑަކަމެއްގެ ވާހަކައެވެ. ނަމަވެސް އެވަރުގެ ކުޑަކުޑަ ކަމެއްވެސް ދެމީހުންވެސް ސަމާލުކަންދީގެން ކުރާނަމަ ލޯބި އިތުރުވާނެއެވެ. އިން ޝާ ﷲ 

- މަޢްލޫމާތު؛ އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން

 

މިއަދު އޮންލައިން