އިންސާނުން އަމިއްލަ އިޙުސާސުން އެންމެ ފުރަތަމަ ތަރައްޤީ ދެނެގަންނަނީ ސްޓެލްކޯއިން: މިނިސްޓަރ އާދަމް ނަސީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
އިންސާނުން އަމިއްލަ އިޙުސާސުން އެންމެ ފުރަތަމަ ތަރައްޤީ ދެނެގަންނަނީ ސްޓެލްކޯއިން: މިނިސްޓަރ އާދަމް ނަސީރު

އިންސާނުން އަމިއްލަ އިޙުސާސުން އެންމެ ފުރަތަމަ ތަރައްޤީ ދެނެގަންނަނީ ސްޓެލްކޯއިންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިއާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ތަރައްޤީގެ ތަފާތު މާނަތަކާއި ގޮތްތަކަށް ބަލާއިރު، އިންސާނުން އަމިއްލަ އިޙުސާސުން އެންމެ ފުރަތަމަ ތަރައްޤީ ދެނެގަންނަނީ ސްޓެލްކޯއިން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނާކަމަށެވެ.

"އެއީ ފުޅި ބައްތިން އެނޫން އަލިކަމަކަށް ބަދަލުވުން. އަނދިރިކަމަކުން އަލިކަމަކަށް އައުން. ފަޅުކަމަކުން ދިރުމަކަށް އައުން. މިކަންކަމަށް ތަރައްޤީއޭ ކިޔާ އުޅެނީ"

ސްޓެލްކޯއިން ދެމުންދާ ޚިދުމަތަށް އިޝާރާތްކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ އިންސާނުންގެ ތަރައްޤީ ހުރިހާ މާނައެއްގައިވެސް ގުޅިފައިވާ އެއް ކަމަކީ އަލިކަން ކަމަށެވެ. 

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމެއް ކުރިއަރައިގެން ދިއުމަށްޓަކައި، ތަރައްޤީ ވެފައިވާ އިންސާނެއްގެ ކިބައިގައި ހުންނަ ސިފަތައް ވަރަށް މުހިއްމު ކަމަށާއި އެހެންކަމުން އެ ސިފަތަކަކީ ތަރައްޤީގެ މާނަތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މާނަވީ ތަރައްޤީއާ، ރޫޙާނީ ތަރައްޤީއާ، ވިސްނުމުގެ ތަރައްޤީއާ އެކުވެގެން އެކުލެވޭ ޖުމްލަ ތަރައްޤީ ބިނާވެފަ ހުންނަ އިންސާނާގެ ހުންނާނީ ކޮންކަހަލަ ސިފަތަކެއްތޯ. އަޅުގަނޑު ހިތުން އެފަދަ މީހެއްގެ ކިބައިގަ ހުންނާނެ މައިގަނޑު ސިފަތަކަކީ، ނަޒާޙަތްތެރިކަމުގެ ސިފަ، ތެދުވެރިކަމުގެ ސިފަ، އަމާނާތްތެރިކަމުގެ ސިފަ، ކަމަށް ކަމޭހިތުމާ މަސްޢޫލިއްޔަތު އަދާކުރުމުގެ ސިފަ، އެހެން އެންމެންނަށް އިޙްތިރާމްކޮށްގެން، ޤަދަރުކޮށްގެން، ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ. މި ސިފަތައް އަޅުގަނޑުމެންގެ ކިބައިގަ ހުރެއްޖެކަމަށް ވަނީވިއްޔާ އެއީ ޤައުމެއް ކުރިއަރާ ދިއުމަށް ބޭނުންވާ ހުރިހާ ސިފައެއް. އެހެންވީމާ ތަރައްޤީގެ ތެރެއަށް މި ހުރިހާ މާނަތައް އަޅުގަނޑު ހިތުން އެބަ ވަދޭ" 

ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.

 

މިއަދު އޮންލައިން