އުމުރުން 55 އަހަރުވުމުން ރިޓަރޔަވާ މީހުންނަށް ޕެންޝަން ފައިސާ ދިނުމުގެ އިދާރީ އަދި ޤާނޫނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގައި ގއ.ގެމަނަފުށީ ސްކޫލްގެ ޓީޗަރެއް ކަމަށްވާ މުޙައްމަދު ނާފިޒް، އުމުރުން 55 އަހަރުވެގެން ރިޓަޔަރވާ ސިވިލްސަރވިސް މުވައްޒަފުންނަށް އެލެވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 55 އަހަރާއި 65 އަހަރާއި ދެމެދުގައި ރިޓަޔަރވާ ފަރާތްތަކަށް އެލެވަންސެއް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަމާ ގުޅޭ އިދާރީ މަސައްކަތް ރައީސް އޮފީހުން މިހާރު ފަށާފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ ޤާނޫނީ މަސައްކަތް ރައީސް އޮފީހުގެ ލީގަލް ޓީމުން އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަސައްކަތް ފަހިކުރަންޖެހެނީ ޤާނޫނުގެ ތެރެއިން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއްވެސް ހުންނާނެ ކަމަށާއި އިސްލާހުތައް ފާސްކުރުމަށްޓަކައި މަޖިލީހުގެ ދައުރެއް ބޭނުން ވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުމުރުން 55 އަހަރުވުމުން އަމިއްލައަށް ރިޓަޔަރ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ޕެންޝަން ލިބެނީ 65 އަހަރުވުމުންނެވެ. އެދެމުގައި ރިޓަޔަރވާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އިތުރު ކަންކަމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް ވެސް ރިޔާސީ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޕެންޝަން ފައިސާއިން އަމިއްލަ ގެދޮރު އިމާރާތްކުރުމަށާއި، ވިޔަފާރި ފެށުމަށާއި އަދި ތައުލީމް ހާސިލުކުރުމަށް ފައިސާ ނެގޭގޮތަށް ޕެންޝަންގެ ޤާނޫނަށް ބަދަލުގެންނަން ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވިއެވެ.