މަސްވެރިންނަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިކަމާގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭގޮތަށް ގުޅިގެން، މިފްކޯގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެކަމަށެވެ. އަދި ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާޙަގަކުރެވިފައިވާ ފަދައިން، މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.
އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެ ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށްކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އަދި މަސްވެރިންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ކުންފުންޏަށް ލިބިގެންދާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ވަނީ އަންނަ ހަފްތާ ނުމުމުގެ ކުރިން މި ސަރުކާރުން ދޭން ބުނި 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހާއި ހަމައަށް ދޭން ނިންމާފައެވެ.