ތިނަދޫ އެއަރޕޯޓު ވެގެންދާނީ ދުނިޔޭގެ ފެންވަރުގައިވެސް އެތަނުގެ ރީތިކަން ފާހަގަކުރެވޭނެފަދަ ޚާއްޞަ ސިފަތަކެއް ލިބިގެންވާ އެއަރޕޯޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫ އެއަރޕޯޓު ވެގެންދާނީ ދުނިޔޭގައި ފެންވަރުގައިވެސް އެތަނުގެ ރީތިކަން ފާހަގަކުރެވޭނެފަދަ ޚާއްޞަ ސިފަތަކެއް ލިބިގެންވާ އެއަރޕޯޓަކަށްކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޓަރމިނަލަކީ ފެނުގެ މަތީގައި ޤާއިމްކުރެވޭ ޓަމިނަލެއްކަމަށާއި އަދި އެއަރޕޯޓު މަޝްރޫޢޫ ވެގެންދާނީ ތިމާވެށްޓާ ރައްޓެހި ކަންކަން ހިމެނޭ މަޝްރޫޢުއަކަށްކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުއާއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ގިނަވެގެން 2 އަހަރުތެރޭ ނިންމާލުމަށްވެސް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ތަރައްްޤީގައި އެމަނިކުފާނު އެންމެ އިސްކަންދެއްވާ ސިޔާސަތަކީ ގެދޮރުވެރިކަންކަމަށާއި، ދެކުނުގެ 4 އަތޮޅަކީ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދާނެ ސަރަހައްދުކަމަށެވެ. އެގޮތުން ސަރަހައްދީ ތަރައްޤީގެ ދަށުން އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގޭނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގދ.އާއި ގއ އަތޮޅުގައިކަމަށެވެ. އަދި ގެދޮރުވެރިކަމުގެ ގިނަ އެއްބަސްވުންތަކެއްގައި ކުރިއަށް އޮތްތަނުގައި ސޮއިކުރެވިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.