މިހަފްތާގެ ތެރޭގައި 4 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހެލްތް މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ ރަށްރަށުގައި ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށެވެ.
އެހެންކަމުން މިވަޢުދުގެ ދަށުން ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، މިގޮތުން މިހަފްތާގެ ތެރޭގައި 4 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ކަމަށާއި ކޮލިޓީ ބޭސް އެތެރެކުރުމަށް ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ގަނޑުކޮށް ބޭސް އެތެރެކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.