ރަތަފަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަ ކޮށްދެއްވާނަން: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަތަފަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަ ކޮށްދެއްވާނަން: ރައިސް

ރަތަފަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުގެ އިމާރާތް ބާވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި، އެކަށީގެންވާ ބޭސް ރަށުން ނުލިބުމާއި، މިސްކިތްތަކުގެ މަރާމާތަށް ބޭނުންވެފައިވާ ކަމަށާއި، އަދި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއި، މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން