ފިޔޯރީ އަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެއް އެގޮތަށް ފުރިހަމަ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ މުހިންމުކަމާއި، ދަނޑުތަކަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީއަށް ކުރިމަތިވާ މާލީ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އެރަށަކަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެއް އެގޮތަށް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.