ޢިބްރަތްތެރި ވާހަކަ: ޚަރަދުނުކުރާ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނެއް ނުކުރެވިގެން އާދޭސްކުރީމާ ތަނަވަސް ބައްޕަ ދެއްކީ ގުދަންތަކުގެ ކުލިނުދެއްކޭ ވާހަކަ- ރޮމުން ނުކުތްތަނާ ނަޞީބު އަތުގަ ހިފި އަންހެނެއްގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 50ސ
ޢިބްރަތްތެރި ވާހަކަ: ޚަރަދުނުކުރާ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނެއް ނުކުރެވިގެން އާދޭސްކުރީމާ ތަނަވަސް ބައްޕަ ދެއްކީ ގުދަންތަކުގެ ކުލިނުދެއްކޭ ވާހަކަ- ރޮމުން ނުކުތްތަނާ ނަޞީބު އަތުގަ ހިފި އަންހެނެއްގެ ވާހަކަ-

ދަރިން ލިބުމުން އެއްބައަކު ޖާނާއި މާލުން ދަރިންނަށްޓަކާ ޤުރްބާންވަނީއެވެ. އަނެއްބައަކު ޒުވާން ލޯބިވެރިއަކު ހޯދައި ލޮލުން ދަރިން ނުދެކޭތަނުގައި އެންމެ ރުފިޔާއެއްވެސް ދަރިންނަށް ޚަރަދުނުކުރަނީއެވެ. ތަނަވަސްކަން ހުރުމާއިވެސް އެކުގައެވެ.

ތިރީގައިވާ ވާހަކަ ލިޔެނިންމާފައި ހިތަށް އެރިއެވެ. ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނަށްވުރެ ކުރިން އެތަނަވަސް ބައްޕަގެ ހަށިގަނޑުގައި އޮތް ދަގަނޑު، ހިލަ ހިތް ނަގައި އިންސާނެއްގެ ހިތެއް  ލައްވަން އޮޕަރޭޝަން ކުރުން މާމުހިންމު ނޫންބާވައެވެ! 

އިންސާނެއްގެ ހިތް އޮތް ކޮންމެ މީހަކަށްވެސް ތިރީގައިވާ ވާހަކައިން ފުން އަސަރުތަކެއް ކުރާނެކަން ފާހަގަކުރެވެއެވެ. 

އަޅުގަނޑަކީ އުމުރުން 20 އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަ އަންހެނަކީމެވެ. ކައިވެނިކުރީ ޢުމުރުން 24 އަހަރުގައެވެ. ކައިވެންޏަށް 2 އަހަރުގައި ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅަށް 2 އަހަރު ފުރުނީ އެކަނިވެރިމައެއްގެ ގޮތުގައެވެ. އެއީ މާރީތި މާދޮން ކުއްޖަކު ފިރިމީހާއަށް ލިބުމުން އޭނާއާއި ކައިވެނިކުރަން އަޅުގަނޑު ވަރިކުރުމުންނެވެ. 

ވަރިކުރުމަށްފަހު އެއްވެސް އެހީއެއް ނުވާތަނުގައި އަޅުގަނޑުމެން ދެމައިން ދުނިޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. އެހެންވެ އެހީހޯދާކަށްވެސް ނުގުޅަމެވެ. އަދި ދަރިފުޅަށް ބައްޕަ ދައްކާކަށްވެސް ނޫޅެމެވެ. ދަރިފުޅު ދެކެން ބައްޕަ ބޭނުން ނުވާނަމަ ދައްކައިގެން ދަރިފުޅަށް ކުރާނެ ފައިދާއެއް ނެތުމުންނެވެ. 

ދަރިފުޅުގެ އުމުރުން 6 އަހަރުގައި ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ ހިތުގައި ލޯވަޅެއް އެބައިން ކަމަށާއި އެކަމަށް ކުރަންޖެހޭ އޮޕަރޭޝަން އެއިރު ޜާއްޖެއިން ކުރެވެން ނެތްކަމަށެވެ. އާސަންދަވެސް ލިބުނެވެ. ނަމަވެސް އެހެން ޚަރަދުތައް ކުރަންޖެހެނީ އަމިއްލައަށް ކަމަށްވާތީ އެކަމަށް ފައިސާ ބޭނުންވެއެވެ. 

ވަރިކުރިފަހުން ފުރަތަމަ ފަހަރަށް އޭނާ އާއި ބައްދަލުކުރަން ދިއައީމެވެ. އޭނާއަކީ ވިޔަފާރިކުރާ މީހެކެވެ. 3، 4 ފިހާރަ ހުރެއެވެ. އޮފީހުގައި އިންދައި ބައްދަލުކުރީމެވެ. ދަރިފުޅު އޮތީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށްބުނެ ލިޔުންތައް ދެއްކީމެވެ. އަދި އަނބުރާ ދޭގޮތަށް ނަމަވެސް އެހީއަކަށް އެދުނީމެވެ. އަދި އެހީއަށް އެދެންޖެހުނީ ސަލާންޖަހައިގެން ފައިސާ ހޯދާނެ ވަގުތު ނެތުމުން ކަމަށްވެސް ބުނީމެވެ. 

އޭނާ ދެއްކީ އޯޑަރުކުރި މުދައު ލަސްވެގެން އުޅޭ ވާހަކައާއި ގުދަންތަކުގެ ކުލި ނުދެއްކިގެން އުޅޭވާހަކައެވެ. އަޅުގަނޑުގެ ލޮލުން ކަރުނަ އޮހޮރުނެވެ. ހިތަށް އެރިއެވެ. "ދެތިން ހާސް ޑޮލަރަކީ އޭނާގެ ފިހާރަތަކުގެ އެންމެ ރެއެއްގެ ސޭލްސްއިން ދެވިދާނެ އެއްޗެކެވެ. އަމިއްލަ ލެޔަށްވެސް ކުލުނެއް ނެތް އަނިޔާވެރިއެއްގެ ކިބައިން ސަލާމަތްވެވުނުކަން އެއީ ﷲ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ." 

އަޅުގަނޑު ލޯފުހެމުން ސިޑިން ތިރިއަށް ފޭބިތަނުން ދެމީހުންގެވެސް ރައްޓެއްސަކާއި ބައްދަލުވިއެވެ. އެއީވެސް ވިޔަފާރިވެރިއެކެވެ. ކުރީގެ ފިރިމީހާ އާއިއެކު ރާއްޖެއިން ބޭރަށް ވިޔަފާރިދަތުރުތައްވެސް ކުރާ މީހެކެވެ. އެކުގައި ގެއަށް ގޮސް ކައިބޮއި ވަގުތުވެސް ހޭދަކުރާ މީހެކެވެ. 

އޭނާ ސުވާލުކުރުމުން އަޅުގަނޑަކަށް ވާހަކައެއް ނުދެއްކުނެވެ. އެހެންވެ މަޑުނުކޮށް ހިނގައިގަތުމުން އޭނާ އަޅުގަނޑުގެ ފަހަތުން އައިސް ބުންޏެވެ. "އަންނާށެވެ. ދާންބޭނުންތަނަކަށް ކާރުގައި ގެންގޮސްދޭނަމެވެ." 

ހޮސްޕިޓަލަށް އަޅުގަނޑު ބާލާފައި ބުނީ އޭނާ ކާރުޕާކުކޮށްފައި އަންނަންދެން މަޑުކޮށްލުމަށެވެ. އަޅުގަނޑު މަޑުކުރީމެވެ. ދެމީހުން އެކުގައި ގޮސް ދަރިފުޅު ފެނުމުން އަޅުގަނޑަށް ބާރަށް ރޮވެން އުޅުނެވެ. ނަމަވެސް ރޯއަޑު ދަރިފުޅަށް އިއްވަން ބޭނުން ނުވާތީ ނުރޮއި ކެތްތެރިވީމެވެ. 

އަޅުގަނޑު އެއެކުވެރިޔާއަށް ކަންކަން ހުރިގޮތް ކިޔައިދިނީމެވެ. އަދި ދަރިފުޅުގެ ބައްޕަ ކަންކަންކުރިގޮތްވެސް ކިޔައިދިނީމެވެ. އޭނާ ބުނީ އެއްވެސް ކަމަކާ ކަންބޮޑުނުވުމަށެވެ. އަދި މާދަމާ ފުރަން ތައްޔާރުވުމަށެވެ. އަހަރެމެން ދެމައިންގެ ހުރިހާ ޚަރަދަކާ އޭނާ ޙަވާލުވީކަމަށާއި ދެމައިން ގޮވައިގެން ދެމަފިރިން އެކުގައި މާދަމާ ފުރާނެ ކަމަށެވެ. 

އެދަތުރުގައި މަހެއްހައި ދުވަހު އިންޑިއާގައި ތިބެންޖެހުނެވެ. އެކުވެރިޔާ މާލެ އައީ އަޅުގަނޑާއި އެހީތެރިވާން އޭނާގެ އަނބިމީހާ ވެސް ބަހައްޓައިފައެވެ. އެހިސާބުން އަޅުގަނޑުމެން އުޅެމުން އައީ ދެ އުޚުތުންގެ ގޮތުގައެވެ. 

އަޅުގަނޑަށް އެހީތެރިވެދިން އެކުވެރިޔާއަށް، ދެމަފިރިންނަށް ޝުކުރުއަދާކުރަން ކުރާނެ ކަމެއް، ބުނާނެ ބަހެއްވެސް ނުއެނގިފައި އަހަރެއްހައި ދުވަހު ހުރީމެވެ. ހުއްޓާ ކުއްލިއަކަށް ލިބުނީ ސްޓްރޯކެއްޖެހި އެކުވެރިޔާގެ އަނބިމީހާ ނިޔާވި ޚަބަރެވެ. ވީދެރަ ބުނަންވެސް ނުއެނގުނެވެ. 

ޖަނާޒާގެ ކަންކަން ނިމިގެން އެކުވެރިޔާ ގާތު ބުނީމެވެ. މިއަދަކީ އަޅުގަނޑު އެކުވެރިޔާއަށް އެހީތެރިވެދޭންވީ ދުވަހެވެ. އަޅުގަނޑު ޤަޞްދުކުރަނީ ވަޒީފާ ދޫކޮށްލާށެވެ. އަދި އުޚުތާ ދޫކޮށްފައި ދިއަ 3 ދަރިން ބަލަން އެކުވެރިޔާ ބުނި ތަނެއްގައި އިންނާށެވެ. އަޅުގަނޑުގާތަށް ކުދިން ފޮނުވިނަމަވެސް ބަލާނަމެވެ. ތިއަގޭގައި އިނދެގެންވެސް ބަލައިދޭން މިހުރީ ތައްޔާރަށެވެ. 

އެކުވެރިޔާ ބޭނުންވީ އޭނާގެ ގޭގައި އިނދެގެން ބަލައިދޭށެވެ. ވަޒީފާއިން ލިބުނު ވަރަށް މުސާރަދޭނެކަމަށްވެސް ބުންޏެވެ. ނަމަވެސް އަޅުގަނޑު އެކަން ޤަބޫލުނުކުރީއެވެ. ބޭނުންވީ އަޅުކަމެއްގެ ގޮތުން އެކަންކުރާށެވެ. 

ކަންކަން މެދުވެރިވާނީ އެއްވެސް މީހަކަށް އެނގިގެނެއް ނޫނެވެ. ރަޙްމަތެއް ލައްވަވާނީ ކޮންވަގުތަކު ކަމެއް ނޭނގޭނެއެވެ. އެގޭގައި އިނދެ އަޅުގަނޑުގެ ދަރިފުޅާއިއެކު 4 ދަރިން ބެލުމުގެ ބުރަ އުފުލަންފެށިތަނާ އެކުވެރިޔާގެ ކޮއްކޮ ބުނީ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންކަމަށެވެ. އެއިރު އޭނާ ހުރީ ކައިވެނި ނުކޮށް އަލަށެވެ. އަޅުގަނޑުގެ ޙާލަތު ވިސްނައިދިނުމުންވެސް އޭނާ ބޭނުންވީ އަޅުގަނޑާއި ކައިވެނިކުރާށެވެ. 

ދިރިއުޅެމުން މިދަނީ އެކައިވެނިމަތީގައެވެ. 13 އަހަރުވީއެވެ. ކައިވެނީގަވެސް 3 ދަރިން ލިބިއްޖެއެވެ. މިއަދު އަޅުގަނޑަކީ އުފާވެރި، ފަޚުވެރި، 7 ދަރިންގެ މަންމައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ އަލަތު ފިރިމީހާއަކީވެސް ފިރިހެނެކެވެ. އަޅުގަނޑަށް އެހީތެރިވި އެކުވެރިޔާއަކީވެސް ފިރިހެނެކެވެ. ބައުވެފައިވާ އޮޑިއަކަށް އަލަށް އަރައި ދުއްވަންފެށީވެސް ހަމަ ފިރިހެނެކެވެ. ތަފާތަކީ އަޚްލާޤެވެ. އަޑު އިވޭ ގޮތުން އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ މިހާރު އުޅެނީ 4 ވަނަ ކައިވެނިކޮށްގެންނެވެ. މަސައްކަތްކުރަންވީ އެފަދަ އަނިޔާވެރިން ދެނެގަތުމަށެވެ. 

ދެން ބުނެލަން ބޭނުމީ ހެޔޮނިޔަތުގައި ﷲ ގެ ރަޙްމަތަށް އެދިގެން ހެޔޮކަމެއްކޮށްފިނަމަ އެކަމަށް ދުނިޔެމަތީގައިވެސް ބަދަލު ދެއްވަވާކަން އަޅުގަނޑަށް މިވަނީ ދައްކަވައިފައެވެ. ނިޔަތް ރަނގަޅު ނަމަ އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ އެކުވެރިޔާވެސް އުޅެނީ ދެވަނަ ކައިވެނިކޮށްގެންނެވެ. ނަމަވެސް 3 ދަރިން ބޭތިއްބީ އަޅުގަނޑު ގާތުގައެވެ. ވީމާ އަޅުގަނޑުގެ ޚިދުމަތް އޭނާ ޤަބޫލުކުރާކަން މިއޮތީ ފެންނާށެވެ! ދުޢާއަކީ އަޅުގަނޑުގެ ޤުރްބާނީ ﷲ ޤަބޫލުފުޅުކުރެއްވެވުމެވެ.

 

- ޝިޒްލީން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން