ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވިޔަސް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުން އެކަން ބަދަލުވެދާނެކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިފައިދައިން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ކިބައިން އެދެން އޮތީ ރައްޔިތުން ސަރުކާރަށް ދޭ އެއްބާރުލުމުގައި ކުރިއަށް ދިއުމަށް ކަމަށާއި ރައްޔިތުން ހަވާލުކުރި ޒިންމާގެ މަތީގައި އެމަނިކުފާނު ހުންނެވީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި މަސައްކަތްކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރިއަށް ދިއުމުގައި އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަފްތާ 14 ގައި ރޭވުނު ހުރިހާ ކަމެއް ދަނީ ކުރަމުން ކަމަށާއި ކުރިއަށް އޮތީވެސް އެގޮތަށް ކުރަން ހުރި މަސައްކަތްތައް ކަމަށެވެ. އެކަންތައްތައް ކުރުމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުމަކީ ރައްޔިތުން ކުރައްވާނެ ކަމެއް ކަމަށާއި ކުރިއަށް އޮތީ އެ އެއްބާރުލުން ދޭން އޮތް އެންމެ މުހިއްމު ދަނޑިވަޅު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުގައި ހުރި އެހެން މުހިއްމު ކަންކަމާއި މިނިވަންކަމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށާއި ގައުމުގައި ތިބި ބޭރުގެ ސިފައިން މި ގައުމުން ބޭލުމަށްޓަކައި މިއަދާ ހަމައަށް ހާސިލުކުރެވުނު ކާމިޔާބީ އެ ގޮތަށް ދަމަހައްޓަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މި ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ގެންދިޔުމަށްޓަކައި މިހާރު ދެ ގައުމުގެ ދޭތެރޭ ސޮއިކުރެވިފައިވާ ލެޓާ އޮފް އެކްސްޗޭންޖް އެކަން ކޮށް ނިންމުމަށްޓަކައި ވެސް މިކަން ކުރައްވަން ޖެހޭ ކަމަށެވެ. އަދި އެވަަރު ކަމެއް ހާސިލުވެގެންދިޔައިރު އެކަންއިއާދަވާ ގޮތަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިންމައިފިނަމަ އެއީ އަމިއްލައަށް މިސްރާބު ބަދަލުކުރުން ނޫންތޯވެސް ރައީސް ވަނީ ސުވާލުކުރައްވާފައެވެ.