މަސްވެރިންނަށް ނުދެވިހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
މަސްވެރިންނަށް ނުދެވިހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މަސްވެރިންނަށް ނުދެވިހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެ ކަމަށާއި އިގްތިސާދު ވެސް ކޮޅަށް ޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ކުރު މުއްދަތެއްގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދިނީ މި ސަރުކާރުން ކަމަށާއި، ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދައްކަން އޮތްއިރު ތިން މަސް ތެރޭގައި 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދީ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވީހާވެސް ކުރު މުއްދަތެއްގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ސަރުކާރު އައިސްގެން ދިމާވި މައްސަލައެއް ނޫން. އަޅުގަނޑުމެންނަށް ވާރުތަވި އިގްތިސާދީ ހާލަތު އޮތް ގޮތޭ އެއީ. އެ ދުވަހު ވެސް އޮތޭ 260 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުދައްކާ. އެ ފައިސާ ވެސް ދައްކާ އިތުރަށް ވެސް ފައިސާ ވެސް ދެއްކީމަތާ 442 މިލިއަން ދެވިފައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ދަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް ފައިސާ ދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކޭނެ ގޮތް ހަދައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނިކުންނެވީ ވެސް ރާއްޖެ އަށް ދިމާވެފައި ހުރި މައްސަލަތައް އެނގިވަޑައިގެން އެ ކަންކަން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި ރާއްޖެ ވައްޓާލާފައި އޮތް އިގްތިސާދީ ހާލަތުން ވަރަށް އަވަހަށް ނަގާ ކޮޅަށް ޖަހައި ރައްޔިތުންނަށް މުއްސަނދިކަން ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

 

މިއަދު އޮންލައިން