ހިތް ޠޯހިރުކޮށްލައިފި މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި މީސްތަކުންގެ ލޯބިލިބޭނެކަން ޙަދީޘުން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 6މ 52ސ
ހިތް ޠޯހިރުކޮށްލައިފި މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި މީސްތަކުންގެ ލޯބިލިބޭނެކަން ޙަދީޘުން-

އިންސާނާގެ ކާމިޔާބީ ވަނީ ހިތާއި ގުޅިފައެވެ. ހަމައެފަދައިން އިންސާނާގެ ހަލާކުވެސް ގުޅިފައިވަނީ ހިތާއެވެ. ހިތުގައި އުފެދޭ ޙަސަދައާއި، ކިބުރުވެރިކަމާއި، ދަހިވެތިކަމާއިއެވެ. 

އެކުވެރިންކަމުގައިވެގެން އުޅޭ ގިނަބައެއްގެ މިއަދުގެ ޙާލާއިމެދު ވިސްނައިލަމާ ހިނގާށެވެ. އަނެކާގެ ބައިވެރިޔާ އޭނާއަށް ރަނގަޅަށް ކަންކަންކުރާނަމަ އުފާކުރުމުގެ ބަދަލުގައި ވެވެނީ ޙަސަދަވެރިއެވެ. ލޯބިން ބައިވެރިޔާއަށް ގޮވާލާ އަޑުއިވުނަސްމެއެވެ. 

ވީމާ ތިމާގެ ހިތް ޠޯހިރުކުރުމަށްޓަކައިވެސް ތިރީގައިވާ ލިޔުމުގައިވާ ޙަދީޘްފުޅުތައް އެނގެން އެބަޖެހެއެވެ. ވިދާޅުވެ ދަސްކޮށްލައްވާށެވެ! 

الحديث الثلاثون:

عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ -جُرْثُومِ بْنِ نَاشِرٍ- رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ قَالَ: ((إنَّ اللَّهَ فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ -رَحْمَةً لَكُمْ غَيْرَ نِسْيَانٍ- فَلَا تَبْحَثُوا عَنْهَا((

[حَدِيثٌ حَسَنٌ، رَوَاهُ الدَّارَقُطْنِيُّ، وَغَيرُهُ]

 

 

މާނައީ: އަބޫ ޘަޢުލަބާ އަލްޚުޝަނީ، ޖުރްޘޫމް ބުން ނާޝިރު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

 

"ވަނީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކަންތައްތަކެއް ކުރުން ލާޒިމުކުރައްވާފައެވެ. ފަހެ، ތިޔަބައިމީހުން އެ (ފަރުޟުތައް) ނަގައިނުލާށެވެ. އަދި އެއިލާހު ޙައްދުތަކެއް ކަނޑައެޅުއްވިއެވެ. ފަހެ، ތިޔަބައިމީހުން އެޙައްދުތައް ފަހަނަޅައި ނުދާށެވެ. އަދި އެއިލާހު ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން އެ (ޙަރާމް) ކަންތައްތަކާއި ގާތް ނުވާށެވެ. އަދި ޙުކުމް ބަޔާން ނުކުރައްވާ އެއިލާހު ކަންތައްތަކެއް ދޫކުރެއްވިއެވެ. އެއީ ހަނދުމަފުޅުނެތިވޮޑިގެނެއް ނޫނެވެ. ތިޔަބައިމީހުންނަށް ހުރި ރަޙުމަތެއްގެ ގޮތުގައެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތައްތަކާ ބެހޭގޮތުން (އިތުރަށް ސުވާލުކޮށް) ހޯދަން ނޫޅޭށެވެ".

 

الحديث الحادي والثلاثون:

عَنْ أَبِي الْعَبَّاسِ، سَهْلِ بنِ سَعْدٍ السَّاعِدِيِّ رَضِيَ اللَّهُ عَنْهُ قَالَ: ((جَاءَ رَجُلٌ إِلَى النَّبيِّ ، فَقَالَ: يَا رَسُولَ اللَّهِ! دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ أَحَبَّنِيَ اللَّهُ، وأَحَبَّنِيَ النَّاسُ، فَقَالَ: ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ، وَازْهَدْ فِيمَا عِنْدَ النَّاسِ، يُحِبَّكَ النَّاسُ((

[حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ، وَغَيرُهُ بِأَسَانِيدَ حَسَنَةٍ]

 

މާނައީ: އަބުލްޢައްބާސް، ސަހްލު ބުން ޞަޢްދު އައްސާޢިދީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

 

"އޭ ﷲގެ ރަސޫލާއެވެ! އެކަމެއް ކުރުމުން، ތިމަންކަލޭގެފާނުދެކެ، ﷲ ލޯބިވޮޑިގަންނަވާނެ އަދި މީސްތަކުންވެސް ތިމަންކަލޭގެފާނުދެކެ ލޯބިވާނެ ޢަމަލެއް ދައްކަވާށެވެ." ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދުނިޔޭގައި އުޅޭއިރު ޒުހުދުވެރިވާށެވެ. އޭރުން ތިބާދެކެ ﷲ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗާމެދު ޒުހުދުވެރިވާށެވެ. އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ".

 

 

އިތުރު ބަޔާން:

ޒުހުދުގެ މާނަ އެކި ޢިލްމުވެރިންގެ ގާތުގައި ތަފާތުވެގެންވެއެވެ. މިގޮތުން ބައެއް ޢިލްމުވެރިންގެ ގާތުގައި ޒުހުދުގެމާނައަކީ ޙަސަދައާއި، ކިބުރުވެރިކަމާއި، ދަހިވެތިކަމުން ސަލާމަތްވެފައިވާ ހިތެއްގެ ވެރިޔަކަށް ވުމެވެ. އަދި ދުނިޔެވީ ޙަޔާތަކީ ވަޤުތީ ޙަޔާތެއްކަމާއިމެދު ޣާފިލުވެގެންނުވުމެވެ.

 

މި ހަދީޘްގެ ދެވަނަ ބައި ބާރުއަޅަނީ މީސްތަކުންގެ އަތުގައިވާ ތަކެއްޗާމެދު ޒުހުދުވެރިވުމަށެވެ. މިފަދައިން ޒުހުދުވެރިވާމީހަކު އޭނަގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން މަސައްކަތްކުރާނެއެވެ. މިފަދަ އެހެން ޙަދީޘެއްގައިވެއެވެ.

 

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

«الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى» [متفق عليه]

 

މާނައީ: "މަތީގައި އޮންނަ އަތް އަބަދުވެސް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ."

 

(އެބަހީ: ދޭ މީހާއަކީ އަބަދުވެސް ލިބިގަންނަ މީހާއަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ.)

 

މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން