ގޯތިގެދޮރުގެ ދަތިކަމަކީ މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް، މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއްނެތް އެއްވެސް ދިވެއްސަކު ނުހުންނާނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ގޯތިގެދޮރުގެ ދަތިކަމަކީ މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް، މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއްނެތް އެއްވެސް ދިވެއްސަކު ނުހުންނާނެ: ރައީސް

އެމަނިކުފާނު ހައްލުކުރެއްވުމަށް ވައުދުވެވަޑައިގެންނެވި މައްސަލަތަކުގެތެރެއިންވެސް ގޯތިގެދޮރުގެ ދަތިކަމަކީ މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ މި ފަސްއަހަަރުގެ ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއްނެތް އެއްވެސް ދިވެއްސަކު ނުހުންނާނެކަމުގެ ޔަގީންކަން ރިޔާސީ ބަޔާނުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ގަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްގެއް ކަމަށާއި އަދި އަސާސީ ޙައްގެއް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ދެންނެވި ފަދައިން، ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ހައްލުކުރަން އަޅުގަނޑު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް، ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން. މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްޤެއް. އަދި އަސާސީ ޙައްޤެއްވެސްމެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކީ 5 އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ގުޅިފަޅާ ގިރާވަރުފަޅުން ހިއްކަން ކުރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް އެތަން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދީ އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އަޅުގަނޑު ދެންނެވި ފަދައިން، ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ޙައްލުކޮށް ދިނުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، 5 އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު އިރާދަކުރެއްވިއްޔާ ނުހުންނާނެކަން ޔަޤީންކުރުން،" ރައީސް ޑރ މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން