މާތްﷲ އަށް އުރެދުމުގެ ސަބަބުން ހަލާކުރެއްވެވި އުއްމަތްތަކުގެ ތެރެއިން ރައްސުގެ އަހުލުވެރިންގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 42ސ
މާތްﷲ އަށް އުރެދުމުގެ ސަބަބުން ހަލާކުރެއްވެވި އުއްމަތްތަކުގެ ތެރެއިން ރައްސުގެ އަހުލުވެރިންގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

އަރަހުށި މާތް الله سبحانه وتعالى ވަރަށްގިނަ ޢަދަދެއްގެ ނަބިއްޔުންނާއި ރަސޫލުން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރަން ގޮވައިލެއްވުމަށްޓަކައި ފޮނުއްވެވިއެވެ. ނަބީބޭކަލުންގެ ރިސާލަތަށް އިންކާރުކުރި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެކަލާނގެ ވަނީ ހަލާކު ކުރައްވައި ނެތި ކުރައްވައިފައެވެ. 

އޭގެތެރޭގައި نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި هود عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި، صالح عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި شعيب عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި، لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ހިމެނެއެވެ. މިގޮތަށް ޢަޛާބުދެއްވައި ޤައުމުތައް އެއްކޮށްފަނާ ކުރައްވައިފައިވަނީ مُوسَى عليه السّلام ގެ ކުރީގެ ޖީލުތަކުގެ މީސްތަކުންނެވެ. 

މި ދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ކީރިތި ޤުރްއާނުގެ ޤަޞަޞު ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިނެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣

މާނައީ: [އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.] 

އަލްބިދާޔަތު ވައްނިހާޔަތުގައި، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [ އަރަހުށި މާތް ތައުރާތު  ބާވައިލެއްވުމަށްފަހުގައި، އެއްވެސް އުއްމަތެއްގެ ބަޔަކު އުޑުންވިޔަސް ނުވަތަ ބިމުންވިޔަސް ޢަޛާބެއް ފޮނުއްވައިގެން ހަލާކު ކުރައްވައިފައެއް ނެތެވެ.  އެރަށެއްގެ އަހުލުވެރިންގެ ތެރެއިން ބަޔަކު މީހުން ރާމާނަކުނު ތަކަކަށް ބަދަލުކުރެއްވި ރަށުގެ މީހުން މެނުވީއެވެ.] 

މިހެން ވިދާޅުވުމަށްފަހު، އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަޢަންހު މި ދަންނަވާ އާޔަތް ކިޔަވައި ވިދާޅުވިއެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣

މާނައީ: [އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 5} 

އަރަހުށި މާތް، ޢަޛާބު ދެއްވައި ހަލާކު ކުރެއްވި އުއްމަތްތަކުގެ މީސްތަކުންގެ ތެރޭގައި، ރައްސުގެ އަހުލުވެރިން ހިމެނެއެވެ. މިބައިމީހުންގެ ވާހަކަ ޤާފު ސޫރަތުގެ 12 ވަނަ އާޔަތުން 14 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ. 

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ ﴿١٢﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ﴿١٣﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ ﴿١٤

މާނައީ: [އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ. އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.)އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ.]

ޤާފު ސޫރަތުގެ އިތުރުން، ރައްސުގެ އަހުލުވެރިންގެ ވާހަކަ ފުރުޤާން ސޫރަތުގައިވެސް ބަޔާން ކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 38 ވަނަ އާޔަތުގައި، ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.

وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا ﴿٣٨﴾ 

މާނައީ: [އަދި عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، رس ގެأهل ވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.)]

ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވާކަމަށް، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ރައްސުގެ އަހުލުވެރިންނަކީ ޘަމޫދުބާގައިގެ މީސްތަކުންގެ ތެރެއިންވާ ބައެކެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 6}

އަލްބިދާޔަތު ވައްނިހާޔަތުގައި އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [ރައްސަކީ އާޒަރުބައިޖާނުގައިވާ ވަޅަކަށް ކިޔުނު ނަމެކެވެ.] އިކްރިމާ ވިދާޅުވެފައިވެއެވެ. [ރައްސަކީ، އެ ޤައުމުގެ މީސްތަކުން، އެބައިމީހުންގެ ނަބިއްޔާ ވަޅުލި ވަޅުގަނޑަށް ކިޔާ ނަމެކެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 7}

 

أبو بكر محمد بن الحسن النّقاش ވިދާޅުވެފައިވެއެވެ. [ރައްސުގެ އަހުލުވެރިންނަށް ވަރަށް ބޮޑުވަޅެއްވިއެވެ. އެވަޅުން އެބައިމީހުން އެބައިމީހުންގެ ބޭނުންތަކަށް ފެންނަގައި އުޅުނެވެ. އެބައިމީހުންގެ ދަނޑުތަކަށް ފެންދިނުމަށް އެވަޅުންފެންނަގައިގެން ބޭނުންކޮށްއުޅުނެވެ. އެބައިމީހުންގެ ރަސްކަލަކަށް އޭރު ހުންނެވީ ވަރަށް ރަނގަޅު ޢަދުލުވެރި ބޭކަލެކެވެ. ދެން އެރަސްގެފާނު އަވަހާރަވުމުން އެބައިމީހުން އޭނާ އަވަހާރަވިކަމަށްޓަކައި ވަރަށް ދެރަވެ ހިތާމަ ކޮށްފިއެވެ. މިހިތާމަތަށް އެތަށް ދުވަހަކަށް ދިގުދެމިގެން ދިޔައެވެ.

 

އެގޮތުގައި ދުވަސްތަށް ވޭތުވިފަހުން އެރަސްގެފާނުގެ ސިފަޖެހިގެން ޝައިޠާނާ އެބައިމީހުންގެ ގާތަށް އައެވެ. އައިސް ބުނެފިއެވެ. [އޭ މީސްތަކުންނޭވޭ! ތިމަން އަދި މަރެއްނުވަމެވެ. އަދި ކިއެއްތަ ތިޔަބައިމީހުން ތިމަންގެ ފަހުގައި ކަންތަށް ކުރާގޮތެއްބެލުމަށްޓަކައި ދުވަސްކޮޅަކަށް ޣައިބުވީއެވެ.]

 

މިވާހަކަތަށް އިވި މީސްތަކުން ވަރަށް އުފާކޮށްފިއެވެ. ދެން ބުނެފިއެވެ. [ތިމަންރަސްގެފާނާއި ތިޔަބައިމީހުނާ ދެމެދުގައި ފާރެއްލައިދެއްވާށެވެ! ތިމަން ރަސްގެފާނު ދުވަހަކުވެސް މަރުނުވާހުށީމެވެ!]

 

ވަރަށް ގިނަ ޢަދަދެއްގެ މީސްތަކުން އޭނާގެ ބަސްއަހައި ފިތުނަވެރިވެއްޖެއެވެ. އަދި އެބައިމީހުން އޭނާގެ ބަސްއަހައި އޭނައަށް އަޅުކަންވެސް ކުރަންފެށިއެވެ. ދެން މާތް، އެބައިމީހުންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެރަސޫލާ އެބައިމީހުންނަށް، ފާރުގެ އަނެއްފަރާތުގައި ފަރުދާވެ ނިވާވެގެން މީސްތަކުން ހައްލަމުން ގެންދަނީ ޝައިޠާނާކަން ބަޔާންކޮށްދިނެވެ. އެ ޝައިޠާނާއަށް އަޅުކަން ނުކުރުމަށް އެންގެވިއެވެ. ހަމައެކަނި މާތް، އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 7-8}

 

އަލްޙާފިޡު އިބްނު އަސާކިރު ލިޔުއްވައިފައިވާކަމަށް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. [އަރަހުށި މާތް، ރައްސުގެ އަހުލުވެރިންގެ ގާތަށް ނަބީބޭކަލެއްގެ ގޮތުގައި ފޮނުއްވެވީ، حَنْظَلَة بن صَفْوَان އޭ ކިޔުނު ބޭކަލެކެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނަށް ކާފިރުވިއެވެ. ކާފިރުކަމުގައި ޙައްދުފަހަނަ އަޅައިގޮސް އެކަލޭގެފާނު ޤަތުލުކުރިއެވެ. އެކަލޭގެފާނު ޤަތުލުކުރެއްވުމުން އެބައިމީހުންގެ ތެރޭގައިވި، عاد بن عوص بن أرم بن سام بن نوح އޭނާގެ އަހުލުވެރިނާގެން އެރަށުން ނުކުމެވަޑައިގެން، އަޙުޤާފުގައި ވަޒަންވެރިވެވަޑައިގަތެވެ.

 

އެއަށްފަހު، އަރަހުށި މާތް، ރައްސުގެ މީސްތަކުންނަށް ޢަޛާބު ދެއްވައި ހަލާކު ކުރެއްވިއެވެ. عاد بن عوص ގެ ދަރިކޮޅުގެ މީސްތަކުން ޔަމަނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަތެވެ. އޭގެ ތެރެއިން، جيرون بن سعد بن عاد بن عوص بن أرم بن سام بن نوح ދިމިޝްޤަށް ވަޑައިގެން އެތަނުގައި ރަށެއް ބިނާކުރެއްވިއެވެ. އެރަށުގެ ނަމަކީ جيرون އެވެ. ޤުރްއާނުގައި ބަޔާންވެގެންވާ إِرَمَ ذَاتِ الْعِمَادِ އަކީ މިރަށެވެ.

 

ދެން، އޭގެފަހުގައި، އެބައިމީހުންގެ އުޅުންގޯސްވެ ބުދަށް އަޅުކަން ކުރަންފެށުމުން މާތް، އެބައިމީހުންގެ ގާތަށް ހޫދުގެފާނު ނަބީކަމާއިގެން ފޮނުއްވިއެވެ. ނަމަވެސް، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނު ދޮގުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މާތް، އެބައިމީހުން ހަލާކުކުރެއްވިއެވެ. މި ދެންނެވި ވާހަކަތަކުން، ރައްސުގެ އަހުލުވެރިން ދިރިއުޅުނީ ހޫދުގެފާނުގެ ކުރީންކަން ދޭހަވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 7-6}

 

މިއަދު އޮންލައިން