ލޯކަލް މާރުކޭޓަށާއި ަމސްމާރުކޭޓަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެ، އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެއް 4 ބުރިއަށް އެޅުމަށް މާލޭ ސިޓީ ކައުންސިލަށް މަގުފަހިކޮށްދެއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުން ކުރާ ސުވާލުތަކަށް ސީދާ އެމަނިކުފާނު ޖަވާބުދެއްވަން ކުރިއަށް ގެންދާ ޕްރޮގްރާމްގެތެރެއިން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކު ކުރެއްވި ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު މިހާރު ހުރި ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ.
" ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދީފައި. އެޢިމާރާތް ކުރެވުމުން ގޮޅިތައްވެސް ބޮޑުވެ ޖާގަ ތަނަވަސްވެގެންދާނެ.
އެމާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ"
ދިވެހިންނަށް ގޮޅި ދޫކުރި ނަމަވެސް މާރުކޭތުގައި ވިޔަފާރިކުރާ ބޭރު މީހުންގެ މައްސަލައަކީ ތަންކޮޅެއް ބޮޑުވެފައި އޮތް ކަމެއް ކަމަށާއި އެހެންވީމަ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން އިމްޕްލިމަންޓިންގ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތާނގައި ހައްލުވެގެންދާނެ ކަމެއް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އައު މާރުކޭޓުގެ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފަށްޓަވާނެކަމަށާއި އެ މާރުކޭޓުގެ މަސައްކަތް ފެށުމުން ލޯކަލް މާރުކޭޓުގައި މިހާރު ވިޔަފާރ ކުރާ ފަރާތްތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރެވޭނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިއީ ޖުމްލަ 7 ފަންގިފިލާއަށް ކުރާ ޢިމާރާތެކެވެ. އެންމެ ތިރީ ފަންގިފިލާ ޚާއްޞަ ކުރަނީ މަސްމާރުކޭޓަށެވެ. އަޑީގައި (ބޭސްމަންޓްގައި) ޕާކިންގ ޖާގަ ހުންނާށނެއެވެ. ތިރީ 3 ބުރި ޚާއްޞަކުރާނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކާތަކެއްޗަށެވެ.
މިހާރު ހުރި މާރުކޭޓުގެ ގޮޅިތައް ކުއްޔަސް ހިފި ދިވެހިން ސީދާ ބިދޭސީންނަށް ގޮޅިތައް ދިނުމުން ދިވެހިންނަށް ވިޔަފާރިކުރަން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މައްސަލަ ޙައްލުނުވެ އޮންނަނީ ސިޓީކައުންސިލާއި ގުޅުންހުރި ފަރާތްތަކުން ގިނަ ގޮޅިތަކެއް ނަގައިގެން އުޅޭތީކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ދިވެހިން ބުނެއެވެ. "އެހެންވީމާ މައްސަލަތައް ހައްލުކޮސްދޭނެ ފަރާތެއް ނެތީ!" ކަމަށްވެސް ބުނެއެވެ.
ދާދިފަހުން ދަތުރުވެރިންގެ ގޮޅިއެއްގައި އިން ބިދޭސީއެއްގެ ގާތުގައި އެގޮޅީގެ ވެރި ދިވަެހި މީހާ ކޮބައިތޯ ސުވާލުކުރުމުން ބުނީ މިގޮޅީގައި ދުވަހަކުވެސް ދިވެހިމީހަކު ވިޔަފާރިކުރަން ނުހުންނާނެ ކަމަށާއި މިއީ އޭނާގެ ގޮޅިއެއް ކަމަށެވެ. ތިއައުޅެނީ އޮޅިގެން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ޢިމާރާތުގެ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.