ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރެއްވުމަށް ވަޒީރު އިހުސާން ރައީސް ޞާލިހުގެ އަރިހުން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރެއްވުމަށް ވަޒީރު އިހުސާން ރައީސް ޞާލިހުގެ އަރިހުން އެދިއްޖެ!

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.

ވަޒީރު ރައީސް ޞާލިހުގެ ކިބައިން މިފަދައިން އެދިވަޑައިގަތީ ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓަކާގުޅިގެންނެވެ. ރައީސް ޞާލިހް ވިދާޅުވެފައިވަނީ ޝަމީމަށް ދިން ހަމަލާއެއްކަމަށާއި ސިޔާސީ ގޮތުން ހިންގާ އެފަދަ އަމަލުތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގައެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ ބަލައި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމަނިކުފާނު ވަނީ ދައުލަތުގެ އިދާރާތަކަށް ގޮވާލައްވާފައެވެ.

މިޕޯސްޓާ ގުޅިގެން ވަޒީރު އިހުސާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާ ކަމަށެވެ. އަދި އެ ޙަމަލާއަކީ ސިޔާސީގޮތުން ދިން ހަމަލާއެއް ކަމަށް ރައީސް ޞާލިހު ވިދާޅުވުމުން އޭގެ އިތުރު މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

މިހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ ޕީޖީ ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި އައި ދެ މީހުން ވެގެންނެވެ. އެ ދެ މީހުން ޝަމީމަށް ހަމަލާ ދިނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށް މަުލޫމާތު ލިބިފައިވާއިރު މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވާއިރު ޝަމީމް ހާލު މިހާރު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މިއަދު އޮންލައިން