ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ދެކެ ލޯބިވުމަކީ ޒުވާންކުއްޖަކު ފެންނައިރަށް ނިމިފައި ޒުވާންކުއްޖާ ލަނޑުދިނީމާ ހެދިބޮޑުވެގަންނަ އެއްޗަކަށް ހަދާމީހުންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ދެކެ ލޯބިވުމަކީ ޒުވާންކުއްޖަކު ފެންނައިރަށް ނިމިފައި ޒުވާންކުއްޖާ ލަނޑުދިނީމާ ހެދިބޮޑުވެގަންނަ އެއްޗަކަށް ހަދާމީހުންނަށް ފިލާވަޅެއް!

މިހާރަކަށް އައިސް ލޯބިވުން މުޅިން އެހެން ގޮތަކަށް ބަދަލުވެއްޖެ ކަމަށް ގިނަ ބައަކު ބުނެއެވެ. ގިނަ ފިރިން އަނބިމީހާދެކެ ލޯބިވަނީ ދަތިޙާލުގައި ދިރިއުޅެމުން އައިސް ތަނަވަސްކަން ލިބި ޒުވާން އަންހެން ކުއްޖަކު ލިބެންދެން ކަމަށްވެސް ބުނެއެވެ. ހަމަ މިމޭރުމުން އަނބިމީހާ ފިރިމީހާދެކެ ލޯބިވަނީ ތަނަވަސް ރީތި މީހަކު ފެންނަންދެން ކަމަށް ބުނާނެ ފިރިހެނުންވެސް ތިބޭނެއެވެ.  

މިއީ ޙައްލުކުރަންޖެހޭ މައްސަލައެއްކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. ތިރިގައި އެވަނީ ޒުވާން ރީތި އަންހެން ކުއްޖަކު ލިބުމުން ތިމާއަށް ހުރިހާ ގޮތަކުވެސް ރަނގަޅު އަނބިމީހާ އެއްލައިލި ފިރިހެނަކަށް ޖެހުނު ޙާލުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރައްވާށެވެ.  

ޒީނާގެ ފިރިމީހާ އޭނާ ދޫކޮށްލީ 15 އަހަރުވީ ކައިވެންޏާއި ލިބިފައިވާ 3 ދަރިންގެ ޙައްޤުގައި ވެސް އޭނާ އެއްލައި ނުލުން އެދި އާދޭސްކުރަމުން ދަނިކޮށެވެ. ފިރިމީހާ ޖަވާބަކަށްވީ އޭނާ ކައިވެނިކުރިއިރު އަނބިމީހާގެ ކިބައިގައި ހުރި އެއްވެސް ރީތިކަމެއް މިހާރު އަނބިމީހާގެ ކިބައިގައި ނެތް ކަމަށެވެ. އެހެންކަމުން ރީތި ޒުވާން އަންހެން ކުއްޖަކު ލިބިފައިވާތީ އިތުރަށް އެކީގައި އުޅެން ބޭނުން ނެތްކަމަށެވެ.  

ކޮންމެއަކަސް ފިރިމީހާ ޒީނާ ދޫކޮށްލިއެވެ. ވަރިކޮށްލައި ބާކީކޮށްލިއެވެ. އަދި އަލަށް ހޯދި ލޯބިވެރިޔާ އާއި ކައިވެނިކުރިކޮށް އޭނާ އާއިއެކުގައި ދިރިއުޅެން ފެށިއެވެ. ދަރިން ތިބިކަން ވެސް ހަނދާން ނެތުނުފަދައެވެ. އެއީ ވަރިކޮށްފައި ނުކުމެގެން ދިއަފަހުން ދަރިން ދެކެލަންވެސް ނުދާތީއެވެ. އަދި ޚަރަދެއްވެސް ނުކުރާތީއެވެ.  

ޒީނާއަށް ކުރިމަތިވި ދަތި ޙާލަތުގައި އެހީތެރިވީ އޭނާގެ މައިންބަފައިންނެވެ. ޒީނާގެ މަސައްކަތުން ވަޒީފާއެއްވެސް ހޯދިއެވެ. ދަރިންބަލަމުން ވަޒީފާ އަދާކުރަމުން ޒީނާ އުޅުނީ ވަރަށް ދަތި ޙާލުގައެވެ. އަރާމުކޮށްލާނެ ހިނދުކޮޅެއްވެސް ނުލިބިއެވެ.

ޒީނާގެ ފިރިމީހާއަށް އުފަލުގައި އުޅެވުނީ މަހެއްހައި ދުވަހުއެވެ. މައްސަލަތައް ޖެހެން ފަށައިފިއެވެ. ލޯބިން ހޯދި އެކަނި ބޭރަށްދާން ފަށައިފިއެވެ. ލަހުން ގެއަށް ގެއަށް އަންނަން ފަށައިފިއެވެ. ހައަކަމަސްވުމުން ކެތްނުކުރެވިގެން ސުވާލުކުރުމުން ބުންޏެވެ.  

"ކަލޭފަދަ މުސްކުޅިއަކާއިއެކު އަހަރެންގެ މުޅި ޢުމުރު ހޭދަކުރާނެކަމަށް ހީކުރަނީހެއްޔެވެ؟ ކައިވެނިކުރިއިރަށްވުރެވެސް މިހާރު މާމުސްކުޅިކަމަށް ދައްކައެވެ. އަދި ކަލޭ ތިއައައީ 15 އަހަރުވަންދެން ކަލެއަށްޓަކާ ޤުރްބާންވީ، ކަލޭދެކެ އިންތިހާއަށް ލޯބިވާ އަނބިމީހާ ރޮއިރޮއިހުއްޓާ އެއްވެސް ރަޙުމެއް ނެތި ވަރިކޮށް އެއްލާލައިފައެވެ. އަމިއްލަ 3 ދަރިން އެއްލާލައިފައެވެ. މާދަމާ އަހަރެންނަށްވުރެ ޒުވާން ކުއްޖަކު އަނގައިން ބުނެފިނަމަ އަހަރެންނަށް ޖއްސާނީ ކޮން ޙާލެއް ހެއްޔެވެ؟ އަވަހަށް އަހަރެން ދޫކޮށްލާށެވެ! އިންނަން މާޒުވާން 2 ފިރިހެނުން މިހާރުވެސް ތިބީ ތައްޔާރަށެވެ."  

މިބަސްތަކުން އޭނާއަށް އެންމެ ބޮޑަށް އަސަރުކުރީ، އޭނާގެ އަނބިމީހާ ރޮއިރޮއި ހުއްޓާ ވަރިކުރަމުން އޭނާ ބުނި ބައެއް ބަސްތައް އަނބުރާ އޭނާގެ ކަންފަތަށް އިވުމުންނެވެ. ކޮންމެއަކަސް ކެތްނުކުރެވިގެން ވަރިކުރީއެވެ. ވަރިކޮށްފައި އަވަސްވެގަތީ ދޮށީ އަނބިމީހާ އާއި އަލުން ގުޅުމަށެވެ. އޭނާ ގާތަށް ގޮސް ކަންކަންވީގޮތް ކިޔައިދީފައި ދެވަނަ ފުރުޞަތަކަށް އެދުމުން އަނބިމީހާ (ކުރީގެ) ބުންޏެވެ.  

"ތިއަ ކުރިމަތިވި ކަންކަމަށްޓަކާ ހިތާމަކުރަމެވެ. ނަމަވެސް ލޯތްބާއި މާޒީގެ ވާހަކަ ދެން ނުދައްކާށެވެ! ލޯތްބަކީ ދިއްލަން ބޭނުންވުމުން އޮންކޮށްފައި ބޭނުން ކެނޑުމުން ނިއްވައިލަން ބޭނުންކުރާ  ސްވިޗެއް ނޫނެވެ. ލޯތްބަކީ އެއަށްވުރެ މާމަތިވެރި އެއްޗެކެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ!"  

އެހެން ބުނެފައި ދިއްކޮށްލީ މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ އޭނާގެ ކައިވެނީގެ ޙަފްލާއަށް ދައުވަތުކާޑެކެވެ. ކައިވެނިކުރީ ކާކާކަން ކާޑުން ބަލައިލިއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއިއެވެ. ޒީނާގެ ރިވެތި އުޅުމާއި، ކިޔަމަންތެރިކަމާއި ރަނގަޅު އަޚްލާޤްގެ ސަބަބުން އަބަދުވެސް ޒީނާއަށް އެދިއެދިހުރި އެކުވެރިޔާއެވެ.  

އަޅުގަނޑު އަދި އަޅުގަނޑުގެ ލޯބީގެ ސްވިޗް އޮން ނުކުރާތީ މިބާވަތުގެ އެއްވެސް ކަމެއް އަމިއްލައަށް ތަޖުރިބާކުރެވިފައެއް ނެތެވެ. މިކިޔައިދިނީ އަޅުގަނޑުގެ ދައްތައެއް ފަދަ އެންމެ ގާތް އެކުވެރިޔާ، ޒީނާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފިލާވަޅެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

 

- ޒުލްފި/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން