އިތުރު ހައްޖު ކޯޓާ ލިބުނުނަސް ކޯޓާ ވިއްކުމުގެ ފުރުޞަތު ނުދޭނަން: އިސްލާމިކް މިނިސްޓަރ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިތުރު ހައްޖު ކޯޓާ ލިބުނުނަސް ކޯޓާ ވިއްކުމުގެ ފުރުޞަތު ނުދޭނަން: އިސްލާމިކް މިނިސްޓަރ

ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާގެ އިތުރުން، އިތުރު ކޯޓާ ލިބުނުނަމަވެސް ކޯޓާ ވިއްކުމުގެ ފުރުޞަތު ނުދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ސަރުކާރުން ނިންމަވާފައި ވަނީ ރާއްޖެއަށް ލިބޭ ރަސްމީ 1000 ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަންއަށް ދިނުމަށް ކަމަށާއި ރާއްޖެއަށް އިތުރު ކޯޓާ ލިބުނުނަމަވެސް އެ ކޯޓާގައި ޙައްޖަށް ގެންދިޔުމުގެ ފުރުޞަތުތައް އެހެން ކުންފުނިތަކަށް ދޭނީ ޙައްޖުކޯޕަރޭޝަންގެ ބެލުމުގެ ދަށުންކަމަށެވެ. އަދި އެގޮތުން އަމިއްލަ ކުންފުނިތަކުންވެސް ޙައްޖަށް މީހުން ގެންދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގެ ބޭނުމަކީ ޙައްޖުކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންގެ އަދަދު މަދުކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަމިއްލަ ކުންފުނިތަކުން ވަކިން ފައިސާ ނަގައިގެން ކޯޓަ ވިއްކުމުގެ ސިޔާސަތެއް ނުލިބޭނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޙައްޖަށް ދިއުމަށް އެއްކޮށް ފައިސާ ދައްކާފައިވާ ހަތަރު ހާހަށްވުރެ ގިނަ މީހުން ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުގައި އެބަތިއްބެވެ.

މިއަދު އޮންލައިން