އެއަރއެމްބިއުލާންގެ ޚިދުމަތް މާރިޗު 1 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ހާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ޙައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއްކަމަށެވެ. އެކަމަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމަށް ފުރިހަމަ ޙައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ޚިދުމަށް 1 މާރޗް ގައި ތަޢާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެއަރ އެމްބިއުލާންސް ފެށުމާއި ގުޅޭގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ، އެއަރއެމްބިއުލާންގެ ޚިދުމަތް މާރިޗު 1 ވަނަ ދުވަހު ފެށުމަށް އެކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ސިއްޙީ ވުޒާރާއިއެކު އަދި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.