"އަޅުގަނޑުގެ އެބައޮތް ސުވާލެއް! (1) މިއިން އެއްވެސް ކަމެއް ހާސިލުނުވެ، ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟
(2) ދިވެހި އާންމު ރައްޔިތު މީހާއަށް މި ޤައުމުގައި އޮތް ހަމައެކަނި ޙައްޤަކީ ވޯޓުލުމުގެ ޙައްޤުތޯ؟
(3) ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟
އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން!"
މިފަދަ ސުވާލުތަކަކީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކު ކުރައްވާފައިވާ ސުވާލުތަކެއް ނޫނެވެ. އަދި ވިސްނެވި ކަންތައްތައްތަކެއްކަންވެސް އެބޭފުޅުންގެ ޢަމަލުފުޅުތަކުން ފެންނާކަށް ނެތެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
ކެމްޕެއިނުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ފަހަރެއްގައި ވެސް ހުވަފެނެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ޙަޤީޤަތް. އެކަމަކު އޮށުން ގަސްފަޅައި މޭވާ ލިބެނީ، އެ ކަމަށް އެކަށީގެންވާ މުއްދަތު ލިބުނީމާ. އިރާދަކުރެއްވިއްޔާ، އޮށަކުން ނިރު ފަޅަންޖެހޭ މޫސުމުގައި ނިރުފަޅާ ގޮތަށް، މާފޮޅެންޖެހޭ މޫސުމުގައި، މާ ފޮޅޭގޮތަށް އަދި މޭވާ ފައްކާވާންޖެހޭ މޫސުމުގައި މޭވާ ފައްކާވާ ގޮތަށް، މި ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށްޓަކައި ތަރުތީބުން އަޅުގަނޑުގެ ޓީމުން އުފަލާ އެކީގައި ފޯރުކޮށްދޭނަން. ދުވަހުން ދުވަހަށް އެ ކަންކަން އެ ދަނީ ކުރެވެމުން. އެ ކަންކަން މިދަނީ ބަލަމުން. އެ ކަންކަން އިރާދަކުރެއްވިއްޔާ ދާނީ ވަމުން.
އަޅުގަނޑުގެ އެބައޮތް ސުވާލެއް. މިއިން އެއްވެސް ކަމެއް ހާސިލުނުވެ، ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟ ދިވެހި އާންމު ރައްޔިތު މީހާއަށް މި ޤައުމުގައި އޮތް ހަމައެކަނި ޙައްޤަކީ ވޯޓުލުމުގެ ޙައްޤުތޯ؟ ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟ އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން.
ފުރާވަރު ކުދިން އުފަލުގައި އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. އާ ކައިވެނީގެ ގުޅުންތައް ހަރުދަނާވެ، ރީތި ގެޔެއްގައި ތަހުޒީބު ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. ޒުވާނުންނާއި، ދުވަސްވީ އިސްރަށްވެހީން ސަމާސާކޮށްލައި، އިޙްތިރާމާއެކު، ކަމޭހިތުމާއެކު އުޅޭތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. ﷲ ގަންދީ އަޅުގަނޑު ހުވާކުރީ ދިވެހި ރައްޔިތުންނަށް އަމާނާތްތެރިވާން. އަޅުގަނޑަށް އަބަދުވެސް ދިވެހިރައްޔިތުންނަށް ޙައްޤުވާ ކުރިއެރުމާއި، ގެދޮރާއި، ދިވެހި ޤައުމަށް ލިބެންޖެހޭ ޢިއްޒަތާއި ޤަދަރާ ވަރަށް މުހިންމު.
ދިވެހިން ވިރާސީ ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް މިކުރި ދިގު ދަތުރުގެ މާނައެއް، މަޤްޞަދެއް އޮންނަންވާނެ. މިކަންކަމުން ރައްޔިތުންނަށް ހާސިލުވި މަންފާއެއް އޮންނަންވާނެ. މިސާލަކަށް، ޑިމޮކްރެޓިކް އުޞޫލުތައް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން، ދިވެހި ރައްޔިތުން ރާއްޖެ ހިންގުމުގެ ނިޒާމު ބަދަލުކުރީމު. ކައުންސިލްތައް އުފެއްދީމު. ރަށްރަށް ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތާއި ބާރު، ކައުންސިލްތަކަށް ދިނީމު. ބޭނުމަކީ ކަންކަން އަވަސްކުރުން. ފަސޭހަކުރުން. އަދި ފެންވަރު މަތިކުރުން. ރައްޔިތުންނަށް އެންމެ އެކަށޭނަ ގޮތުގައި ޚިދުމަތް ލިބުން.
އެހެންވީމާ، ރައްޔިތުން އުންމީދު ކުރަނީ ޚިދުމަތްތައް ފުރިހަމަވާނެ ދުވަހަކަށް. އަޅުގަނޑު ދެކެން ބޭނުން ވަރަށް ރީތިކޮށް ފަރުމާ ކުރެވިފައިވާ، އުފާވެރިކޮށް މީހުން ދިރިއުޅޭނެ ރަށްރަށް. އެ ދުވަސް ގެނައުމަށްޓަކައި ކައުންސިލްތަކަށް އެހީތެރިކަން ދޭނަން. އެކަމަށްޓަކައި ކޮންމެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ވަރަށް މުހިންމު. އެކަމަށް ވަރަށް އިސްކަންދީ، މި ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި އެކަން ހިމަނާފައިވާނެ. އެއީ، ލޭންޑް ޔޫސް ޕްލޭން ނުނިމިހުރި ހުރިހާ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމައިދިނުމުގެ މަސައްކަތް ސަރުކާރުން ފެށުން. ހަމަ އެހެންމެ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އެޕްލިކޭޝަން ހުށަހަޅާނެ ޕޯޓަލްއެއް އިރާދަކުރެއްވިއްޔާ ޤާއިމުކުރުންވެސް ހިމެނިފައި އެބައޮތް.
ހަމަ އެހެންމެ، މި 5 އަހަރުގެ ތެރޭގައި، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ތައްޔާރުކުރެވޭނެ. މި ޕްލޭން ތައްޔާރުކުރުމުގައި، ހުރިހާ ކައުންސިލްތަކުގެ އެހީތެރިކަން ބޭނުން. ކައުންސިލްތަކުގެ ފުރިހަމަ ބައިވެރިވުން ބޭނުން. މިއީ ދިވެހި ރައްޔިތުންގެ 20 އަހަރު ދުވަހުގެ މުސްތަޤްބަލް، ދިވެހި ރައްޔިތުންގެ ފިހިތަކުން ކުރެހުން. ދިވެހި ޅަދަރިންގެ ކުރިމަގު، އުފާވެރިކަމާއި ތަހުޒީބުގެ ޙަޤީޤަތަކަށް ހަދައިދިނުން.
ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ބުރަކޮށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ގޮވާލަން! އަބަދުވެސް ގޮތް ނިންމާއިރު، ދިވެހި ޤައުމަށް އެންމެ ފައިދާހުރި، ދިވެހި ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑު ގޮވާލަން! ހަމަ އެހެންމެ، ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމަވައިދެއްވާ! ދިވެހިރައްޔިތުންނާ އެއްކޮޅަށް ކަންކަން ހިންގަވައިދެއްވާ! އެއީ، ދިވެހީންގެ ދީނަށް ނަޞްރުދީގެން. ދިވެހީގެ ސަގާފަތަށް އިޙްތިރާމު އަދާކޮށްގެން. ދިވެހީންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދީގެން.
އޯގާވަންތަ ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.