ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 2 ބިލިއަން ޑޮލަރު ދޫކޮށްފި: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 2 ބިލިއަން ޑޮލަރު ދޫކޮށްފި: ވަޒީރު ސައީދު

ރާއްޖޭގައި އެކި ބޭނުންތަކަށް ޑޮލަރު ބޭނުންވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ފާއިތުވި 30 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ޑޮލަރަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވިޔަފާރި ޓީޓީ ތަކަށް 2022 ވަނަ އަހަރު 130 މިލިއަން ޑޮލަރު އަދި 2023 ވަނަ އަހަރު 122 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް މި އަދަދު ވަނީ 213 މިލިއަން ޑޮލަރަށް އަރާފައެވެ. ކުރިން މަހަކު އެވްރެޖްކޮށް 10 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، މިހާރު މަހަކު 27 މިލިއަން ޑޮލަރު ދޫކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކާޑު ޓްރާންސެކްޝަންތަކަށް ބަލާއިރު 2022 ވަނަ އަހަރު 161 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މި އަދަދު ވަނީ 304 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ޑޮލަރުގެ ތަދިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެކްސްޗޭންޖް ޤާނޫނަށް ބަދަލުތަކެއް ގެނެސް، މާރުކުރަންޖެހޭ އިންސައްތަ %20 އިން %40 އަށް ބޮޑުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަހުގެ 25 އިން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމުން، ބާޒާރަށް އަންނަ ހެޔޮ ބަދަލުތައް އިތުރަށް ސާފުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން