ޓެކްނޮލޮޖީއާއެކު އަންނަ ބަދަލުތަކަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުން މުހިންމު: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޓެކްނޮލޮޖީއާއެކު އަންނަ ބަދަލުތަކަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުން މުހިންމު: މެޑަމް ސާޖިދާ

ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.'

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދިރިއުޅުމަށް ދެމިގެންދާ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގައި މުދައްރިސުން ކުރާ ބުރަ މަސައްކަތާއި، ދައްކުވައިދޭ ކުލުނާއި އަދި ދެމުންދާ ޚިދުމަތްތައް އަގުވަޒަންކުރަން ޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާ ފަދަ ވަރުގަދަ އަދި އެކުވެރި މުޖުތަމަޢެއް ބިނާކުރުމުގައްޔާއި، ކުދިންނަށް މަގުދައްކައި ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީއާއި އޭއައިގެ ސަބަބުން ކްލާސްރޫމްތަކުގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަމުންދާއިރު، މުދައްރިސުންނަށް އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެހެންކަމުން، މި ބަދަލުތަކަށް އިތުބާރާއެކު ކުރިމަތިލުމަށް ބޭނުންވާ ތަމްރީނާއި ބާރު މުދައްރިސުންނަށް ހޯދައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުދައްރިސުން ދައްކުވައިދޭ ކެތްތެރިކަމަށާއި ދެއްވާ އަޅާލުމަށް، ކޮންމެ މުދައްރިސަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި މުދައްރިސުން ކުރާ މަސައްކަތަކީ މުހިންމު އަދި އޭގެ އަސަރު ކްލާސްރޫމުން ބޭރަށް، މުޅި މުޖުތަމަޢަށް ދެމިގެންދާ މަސައްކަތެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން