މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރު، އާމިނާ އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ މަރްޙޫމާ އިމީލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި "މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން." ވިދާޅުވެފައިވެއެވެ.