ތިލަފަޅު ބަނދަރާއެކު 40 އަހަރުވީ އިޤްތިޞާދީ ބޮޑު ގޮންޖެހުމަށް ހައްލުލިބޭނެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ތިލަފަޅު ބަނދަރާއެކު 40 އަހަރުވީ އިޤްތިޞާދީ ބޮޑު ގޮންޖެހުމަށް ހައްލުލިބޭނެ: ވަޒީރު ސަޢީދު

ދިވެހިރާއްޖެއަށް މީގެކުރިން ދުވަހަކުވެސް މުދާ އެތެރެނުކުރާ މިންވަރަށް މުދާ އެތެރެކޮށް އިޤްތިޞާދު ކުރިއަރަމުންދާއިރު، ތިލަފުށީގައި ތަރައްޤީކުރާ ޒަމާނީ ބަނދަރާއެކު ވޭތުވެދިޔަ 40 އަހަރު އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މާލޭ ވިޔަފާރި ބަނދަރަށް އަންނަންޖެހޭ އެކަށީގެންވާ ބަދަލުތަކާއި ކުރިއެރުންތައް އައިސްފައި ނެތުމަކީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ބަނދަރު ތަރައްޤީކޮށް ނިމުނުތަނާ ވޭތުވެދިޔަ 4 ޑިކޭޑު (40 އަހަރު) ތެރޭގައި ބަނދަރު ބޮޑުކުރަންޖެހޭ ވާހަކަ ނުދައްކާ އެއްވެސް ސަރުކާރެއް އައިސްފައި ނުވާކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އެކަން އަމަލީގޮތުން ކުރަންޖެހޭކަން ޤަބޫލުކޮށް، މާލޭ ވިޔަފާރި ބަދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން މި ޕްރޮޖެކްޓަށް ސަރުކާރުން ދޭ ސަމާލުކަން ހާމަކޮށްދިނުމުގެ ގޮތުން، ބަނދަރުގެ މަސައްކަތް ޤާއިމްކުރުމަށްޓަކައި 3 ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމްއެއް ވަނީ އުފައްދާފައެވެ. މި ބަނދަރު ތަރައްޤީކޮށް ނިމޭއިރު، އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމްވެގެންދާނެއެވެ.

"އިރާދަކުރެއްވިއްޔާ 2028ގެ ނޮވެމްބަރަށް ދާއިރު ހަމަ ފުލީ ފަންގްޝަނިން ޒަމާނީ ބަނދަރެއް ދިވެހި ވިޔަފާރިވެރިންނަށް ދިވެހިރާއްޖެއަށް ލިބިގެންދާނެ. މިއީ ރާއްޖޭގެ އިޤްތިޞާދު ޒަމާންތަކެއް ވަންދެން 4 ޑިކޭޑް ގާތްގަނޑަކަށް ހުއްޓިފައި އެ ދާންވާ ސްޕީޑްގައި ނުގޮސްއޮތް އެންމެ ބޮޑު މައްސަލައަށް ލިބޭ ހައްލު،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ބުންވަރު ވަރުގަދަވަމުންދާކަމުގެ މިސާލު ނަންގަވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި އެކަނިވެސް ގާތްގަނޑަކަށް 11 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު ހިނގަމުންދާކަމަށެވެ. އެހެންކަމުން، އިމްޕޯޓްސް އިތުރުވެ، މިވަގުތު އޮތް ބަނދަރުން މުދާ ބޭލުމަށް ގޮންޖެހުންތަކެއް ހުރިނަމަވެސް، އިއްޔެއަކީ MPL އިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރ ކާގޯ ކްލިއަރކުރަންފެށި ދުވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިވަގުތުވެސް މާލޭ ބަނދަރުގައި ކްލިއަރ ކުރުމުގެ ޕްރޮސެސްގެ ތެރޭގައި 5,000 ކޮންޓެއިނަރ ހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިން އިޤްތިޞާދުގައި ބުންވަރު ޖެއްސުމަށް ކުރާ މަސައްކަތާއި ރާއްޖެ ކުރިއަރަމުންދާކަމުގެ ސާފު ހެކިތަކެއް ކަމަށެވެ.

މިއަދު އޮންލައިން